އެންގުމާއި ހިލާފަށް ރިސޯޓަކަށް އެރި މީހެއްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި

ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް ޑިރެކްޓަރު ޖެނެލަރް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުމާއި ހިލާފަށް ޖޭ.އޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ދައުވާ ކުރުމަށްފަހު ހއ. ކެލާ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފަށް ޖޭ.އޭ. މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި ކުށް ސާބިތުވެއްޖެ ނަމަ މި ކުށް ކުރި މީހާގެ މައްޗަށް ޖުނަހުގެ އެއްވަނަ ދަރަޖައިގެ އަދަބެއް އަންނާނެއެވެ.
ގާނޫނުލް އުގޫބާތު ބުނާ ގޮތުގައި ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް މީހަކު ކޮށްފި ނަމަ 6 މަސް ދުވަހަށްވުރެ ދިގު، އެހެންނަމަވެސް އެއް އަހަރު ދުވަހަށްވުރެ ކުރު
މުއްދަތަކަށް ބަންދުކުރުން ހިމެނެއެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް އަމަލުކުރާ މައްސަލަ ފެންމަތިވެފައި ވާތީ "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ މި ވަގުތު ކަމާއި ބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަކީ އެންމެންގެ ރައްކާތެރިކަމަށްޓަކާ ވަރަށް މުހިންމުކަމެއް ކަމަށެވެ.
"މިވަގުތު ދޫދެވޭކަށް ނެތް. އޭގެ މާނައަކީ ކޮންމެ މައްސަލަ އެއްގައި ދައުވާ ކުރާނެއެކޭ ނޫން. ގައުުމު އޮތީ މިކަން ލުއިކޮށް ނެގޭ ހާލަތަކު ނޫން. އަންގާ ކަންކަމަސް ބޯލަނބަން ޖެހޭ. އެހެންނަމަވެސް ރަނގަޅު ދިފާއެއް އޮތް މީހެއް ގޮވައިގެން ކޯޓަކަށް ނުދާނެ. އެ ފަރާތުގެ ވާހަކަވެސް އަޑު އަހާފަ ދިފާއު އަޑު އަހާފަ ގޮތެއް ނިންމާނީ. އެކަމަކު ސިނގިރެޓް ފޮށްޓެއް ގަންނަން އަނެއް ރަށަށް ދިއުން އެއީ ދިފާއެއް ނޫން." ޝަމީމް ވިދާޅުވިއެވެ.
ލުހުން ދަނީ ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް އަންގާފައިވާ އެންގުންތަކާއި ހިލާފުވާ ފަރާތްތައް ހައްޔަރުކޮށް، ތަހުގީގު ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ