މުޅި ރާއްޖެ އޮތީ ތަރައްޤީ އަށް އެދިއެދި: ރައީސް ޔާމީން

މުޅި ރާއްޖެ އޮތީ ތަރައްޤީ އަށް އެދިއެދި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ 3 ވަޒީރުން ހުވާކުރުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ތިރީގައި މި ވަނީ 3 ވަޒީރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ދެއްކެވި ގޮތަށެވެ.بســم اللّـه الرّحمـن الرّحيــماَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު ޤާނޫނީ ވާޖިބެއް މި އަދާކުރީ. ދިވެހި ދައުލަތުގެ ވަޒީރުންގެ މަޤާމުތަކަށް އަނެއްކާވެސް އިތުރު ބޭފުޅުންކޮޅެއް މި ހަމަޖެއްސީ، ރައްޔިތުން އެދޭ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލިސް މެދުވެރިކޮށް، ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި.މިއަދު އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި، ކެބިނެޓާ ގުޅިވަޑައިގެންނެވި ތިން ވަޒީރުންނަށް މަރްޙަބާ ދަންނަވަމުން، ތިން ވަޒީރުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މި ތިބީ މަސައްކަތުގެ އެޖެންޑާއެއްގައޭ. އަޅުގަނޑުމެން މިތިބީ ރައްޔިތުން ކެތްމަދުވެފައި ތިބި ކަންތައްތަކެއްގައި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ރައްޔިތުންގެ ވޯޓަކުން މި ސަރުކާރު އިންތިޚާބުކޮށްފައި.އަޅުގަނޑުމެންގެ ސަރުކާރަކީ، އެނގިވަޑައިގަންނަވާނެ، ޕީ.ޕީ.އެމް.އާ ގުޅިގެން އިއްތިޙާދެއް އެކުލެވޭގޮތަށް އުފެދިފައި އޮތް ސަރުކާރެއް. އެހެން ނަމަވެސް، ހުރިހާ ވަޒީރުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެއްކަމަކަށް އެއްބަސްވާކަމަށްވަންޏާ، އެކަމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯތަކުގައި މިހިރަ ކަންކަމުގައި، ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި، އިޚްލާޞްތެރިކަމާއެކީ ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވުމޭ.އަދި ކޮންމެ ވަޒީރެއްގެވެސް އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް. ހަމައެހެންމެ، ކޮންމެ ވަޒީރަކުވެސް މަސައްކަތް ކުރައްވާނީ، ސަރުކާރަށް. އާދެ! ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް. އަޅުގަނޑުމެންނަށް އިޚްލާޞްތެރިކަމާއެކީ ޚިދްމަތް ކުރައްވާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއް ނުބާއްވަން. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ކެބިނެޓަކީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް،ރައްޔިތުންނަށް މިދެންނެވިކަހަލަ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ވަރަށް މުރާލިކަމާއެކީ، ގިނަވަގުތު ހޭދަކުރައްވައި، ޢަމަލީ މަޝްރޫޢުތަކެއް ހިންގަވައި އަދި ޢަމަލީ މަސައްކަތްޕުޅުތަކެއް، ޓައިމްލައިނަކާ އެއްގޮތަށް ފޮލޯ ކުރައްވާ ކެބިނެޓަކަށް ވެގެންދިޔުން.އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި ވަރަށް ހަލަބޮލި ދުވަސްކޮޅެއްގައި، ހަމަޖެހުމެއްނެތް ދުވަސްކޮޅެއްގައި، ރައްޔިތުންގެ ބޮޑު ތާއީދަކާއެކީ އަޅުގަނޑުމެންނަށް މި ވެރިކަން ޙަވާލުކުރައްވާފައި މިވަނީ. ރައްޔިތުން އަޅުގަނޑުމެންނާ، ރައްޔިތުންގެ ކަންކަން ނިންމުމުގެ ފުރްޞަތު މި ޙަވާލުކުރެއްވީ،ގިނަ ކަންތައްތަކެއް އަޅުގަނޑުމެންގެ ފަރާތުން އެދިވަޑައިގަންނަވާތީ، އިންތިޒާރު ކުރައްވާތީ، ޤަބޫލު ކުރައްވާތީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން ފަސްޖެހުމެއްނެތް. މިކަމުގައި އަޅުގަނޑުމެން ފެއިލްވުމެއް ނެތް. އެހެންވީމާ، އަޅުގަނޑު ކަށަވަރު ކުރަނީ،އަޅުގަނޑުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީވެސް އެކިއެކި ޕާޓީން ވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވީނަމަވެސް، އެއްކަމަކީ އަޅުގަނޑުމެން އެއްބަސްވާނެ އެއްކަމަކީ، ރައްޔިތުން މިއެދޭ ޚިދުމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދިނުން.އަދު ދިވެހިރާއްޖޭގެ ޙާލަތު އޮތްގޮތުން، ހުރިހާ ވަޒީރުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ އޮތީ ހަމަ ހުރިހާ ދިމާއަކުންވެސް ތަރައްޤީއަށް އެދިއެދި. ހުރިހާ ދިމާއެއްގައިވެސް ހުރި ކަންކަން އިޞްލާޙު ކުރުމަށް. ހުރި ކަންކަން އިތުރުކުރުމަށް، ހަރުދަނާ ކުރުމަށް އެދިއެދި. މިހެން މިކަން އޮންނައިރު، ދިވެހިރާއްޖޭގެ ޙާލަތު، އިޤްތިޞާދީ ޙާލަތު އޮތްގޮތުން އަދި ދިވެހިރާއްޖޭގައި ދާޚިލީ ކަންކަމާއި އަދި ބޭރާ ގުޅުން އޮތް މިންވަރުން ހުރިހާ ދާއިރާއަކަށް ރިޢާޔަތް ކުރާއިރުވެސް އަޅުގަނޑުމެން ބަލައިލަން މިޖެހެނީ، މި ސަރުކާރަކީ ބޭރުގެ ތާއީދާއި އިތުބާރުވެސް އޮތް ވަރުގަދަ ސަރުކާރަކަށް ހެދުމުގެ ހުރިހާ ޤާބިލުކަމަކާއި، ހުރިހާ މަސްއޫލިއްޔަތެއް މިއޮތީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި.މި ސަރުކާރަށް ފުރިހަމަ ތާއީދު، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އަދި އަޅުގަނޑުމެންނާއެކީ ގުޅުން ބަދަހިކުރައްވާފައިވާ އަދި އެކިއެކި ކަންކަމުގައި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތަށް ހިމެނިވަޑައިގަންނަވާ އެއްވަނަ ދުނިޔޭގެ ޤައުމުތަކުން ވަނީ ފުރިހަމަ ތާއީދު ކުރައްވާފައި. އަދި ދަންނަވާކަށް ނުޖެހޭކަންނޭނގެ، ދިވެހިރާއްޖޭގައި ދާޚިލީ ކަންކަމުގެ ތެރޭގައި، ސިޔާސީ ޚިޔާލު ތަފާތުވާ ފިކުރުތައް ހުރިކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންގެ މި ސަރުކާރަށްވަނީ ރައްޔިތުންގެ ފަރާތުން ވަރުގަދަ ތާއީދެއް ދެއްވާފައި. އެހެންވީމާ، ހުރިހާ ކަމެއް މިޞްރާބު ޖަހާފައި މިހިރީ އަޅުގަނޑުމެންނާއެކީ. އެހެންވީމާ، އަޅުގަނޑުމެން ކޮށްދޭންވީ ކަމަކީ، ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އަދި މި ސަރުކާރަށް ރައްޔިތުންގެ މަޤްބޫލުކަން އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މިދެންނެވި ކަންތައްތައް، ހަމަ އެއްވެސް ވަރުބަލިވުމެއްނެތި، ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބެންވީ.އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑު ކަށަވަރު ކުރަނީ، އަޅުގަނޑާއެކީ މަސައްކަތް ކުރައްވަން މި ވަޑައިގެންނެވި ކެބިނެޓުގެ ހުރިހާ ބޭފުޅުންނަކީ، ވަރަށް ޤާބިލު، ވަރަށް ތަޖުރިބާހުރި ބޭފުޅުންކޮޅެއް. ތިޔަބޭފުޅުންގެ ޚިދްމަތް ރައްޔިތުންނަށް ލިބިގެންދާނެ. ތިޔަބޭފުޅުންގެ އިޚްލާޞްތެރިކަން، ދިވެހި ދައުލަތަށް ލިބިގެންދާނެ. އަދި މިކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ ޓީމަކީ، ބީޓް ނުކުރެވޭވަރުގެ ޓީމަކަށް ހެދުން. މިއީ، އަޅުގަނޑުގެ ސަރުކާރުގެ ޢަޒުމް. މި ޢަޒުމާއެކީ، އަޅުގަނޑާއެކީ ކެބިނެޓްގެ ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވާނެ.އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ދިވެހި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ގެނައުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ ޓީމުން ކުރާނެ. މިއީ އަޅުގަނޑުމެންގެ ކޮމިޓްމަންޓް. މިއީ އަޅުގަނޑުމެންގެ ޢަޒުމް. އެހެންވީމާ، މި ހިތްވަރުގައި، މިޖޯޝްގައި އަޅުގަނޑުމެން މަސައްކަތްކޮށް، ރައްޔިތުންނަށް އެދިވަޑައިގަންނަވާ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ، އަޅުގަނޑު ބޭނުންވާ ކަމެއް.ނިންމާލަމުން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ޚިދުމަތުގައި، ސަރުކާރުގެ އެކި ދާއިރާއިންދޭ ޚިދުމަތްތަކުގައި، އެންމެ ބޮޑަށް އަޅުގަނޑުމެން އަމާޒުކޮށްގެން ކަންތައްތަކެއް ކުރަން މިއޮތީ ޔޫތަށް. ދިވެހިރާއްޖޭގެ ޒުވާނުންނަށް. ޒުވާނުންނަށް އަމާޒުކޮށްގެން، މިކަންތައްތައް ކޮށްދޭއިރު، އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ، ދިވެހިރާއްޖެއަކީ ވަރަށް ޒުވާން އާބާދީއެއް. އެހެންވީމާ، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގެ ބޮޑުބައެއް މިއޮތީ، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް. އެއާއެކީ އެހެން ދާއިރާތަކެއް، އެހެން ގިންތިތަކެއް މި އިހުމާލުވެގެންދަނީކީ ނޫން. އެހެންނަމަވެސް، ޒުވާނުންނަށް އިސްކަންދޭ މެނިފެސްޓޯއެއް، ޕްރޮގްރާމްތަކެއް އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ.އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި، 100 ދުވަހުގެ މަގުޗާޓެއް އެކުލަވައިލައިގެން މިކުރާ މަސައްކަތުގެ ތެރޭގައި، މި މަސައްކަތުގެ ފޯ ފްރޮންޓަށް މިއަންނަނީ، އެންމެ އިސް ސަފަށް މިއަންނަނީ، އެންމެ އިސް ސަމާލުކަމެއް މިދެނީ، ޒުވާނުންގެ ޙަރަކާތްތައް އިތުރުކުރުމާއި، ޒުވާނުންގެ އެއްބާރުލުން، ސަރުކާރު ހިންގުމުގައި، މުއައްސަސާތައް ހިންގުމުގައި އަދި ދައުލަތަށް ބޭނުންވާ ކަންކަން ކުރިއަށް ނެރުމުގައި، ޒުވާނުންގެ އެއްބާރުލުމާއި، ޒުވާނުންގެ ތާއީދާއި އިތުބާރު ހޯދުން. މިކަމުގެ މަތީގައި އަޅުގަނޑުމެން ދެމިތިބޭނީ. ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑާއެކީ އަޅުގަނޑުގެ ކެބިނެޓް މަސައްކަތް ކުރައްވާނީ، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި، ﷲގެ ރަޙްމަތާއެކީ. އަޅުގަނޑުމެންނަކީ ނަތީޖާ ދައްކާނެ ސަރުކާރެއް ކަމުގައި މިއަދުވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެން.ވަރަށް ބޮޑަށް ޝުކުރިއްޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ