މިއީ ރައްޔިތުން ރައީސް ޔާމީނަށާއި ޕީޕީއެމަށް ހިދުމަތެއް ކޮށްދޭންޖެހޭ ވަގުތު: އަދުރޭ

މިއަދަކީ ރައްޔިތުން ނުކުމެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމަށް ހިދުމަތެއް ކޮށްދޭންވީ ވަގުތު ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމުން ހއ. އަށް ކުރަމުންދާ ދަތުރުގައި ހއ. ވަށަފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް މަސައްކަތްތަކަކާއި ހިދުމަތްތަކެއް ކޮށްދެއްވައިފި ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނު ޕާޓީ، ޕީޕީއެމުން ވެސް ރައްޔިތުންގެ ކުރިމަގު އުޖާލާ ކޮށްދީ، ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، އަންހެނުންނަށް ބާރުވެރިވެރިކަން ހޯދައިދީފި ކަމަށް ވިދާޅުވިއެވެ.
"މިއަދު މިއީ ދިވެހި ރައްޔިތުން ޕީޕީއެމަށާއި ރައީސް ޔާމީނަށް ހިދުމަތެއް ކޮށްދޭންޖެހޭ ދުވަހޭ ނުވަތަ އެ ވަގުތޭ. ރައީސް ޔާމީނަށް ތިބޭފުޅުން ކޮށްދެއްވާ ކަމަކީ ނުވަތަ ހިދުމަތަކީ އެއީ ތިބޭފުޅުން ތިބޭފުޅުންނަށް ކޮށްދެއްވާ ހިދުމަތެއް. އެއީ ގައުމަށް ކޮށްދޭ ހިދުމަތެއް،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާ މިދަނޑިވަޅަކީ ނުރައްކާތެރި ވަގުތެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސަބަބުން ހިތްވަރު ލިބިގެން އިދިކޮޅު ޕާޓީތަކުން ނުކުމެ މިތިބީ ފިސާރި ސާބިތުކަމާއެކު ކެރިގެން ގައުމު ސަލާމަތްކުރުމަށް ކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އަދި އެއީ ހައްގު ގޮތުގައިކުރާ މަސައްކަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން ސަލާމަތް ކުރުމަކީ މި ދިވެހި ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްގެ މައްޗަށް އޮތް ގައުމީ އަދި ދީނީ ވާޖިބެއް ކަމަށާއި އެއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ