ގައުމީ އުފެއްދުންތެރިކަން ދަށްވެ، އިންފްލޭޝަން ވެސް މަތިވެއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ދަށްވެ، އަދި އިންފެލޭޝަން ވެސް މަތިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ ނެރުނު ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން ރާއްޖޭގެ ޖީޑީޕީ ގްރޯތު ރޭޓު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހުރީ 3.1 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ އަދަދު ވަނީ 4.7 ޕަސެންޓަށް އިތުރުވެފަ އެވެ. އެހެންނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ޖީޑީޕީ ގްރޯތު ރޭޓު ވަނީ އަނެއްކާ ވެސް 3.1 ޕަސެންޓަށް ވެއްޓިފަ އެވެ. އެމްއެމްއޭ އިން ބުނާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ މި އަހަރުގެ ފުރަތަމަ ހާފުގައި ކުރި އެރި ނަމަވެސް، އިގްތިސާދީ ދުވެލި އަންނަނީ މަޑުޖެހެމުންނެވެ. ރާއްޖޭގެ ޖީޑީޕީ ދަށްވި ސަބަބެއް ކަމުގައި ބަޔާންކޮށްފައި ވަނީ ކޮންސްޓްރަކްޝަންގެ ދާއިރާ މަޑު ޖެހުމެވެ. އަދި ހޯލްސޭލް އަދި ރީޓެއިލްގެ ދާއިރާ ވެސް މަޑުޖެހުމުން އައުމަކީ ވެސް ސަބަބެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެމްއެމްއޭގެ ބުލެޓިން އިން ދައްކާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޓޫރިޒަމް ދާއިރާގަ އެވެ. އެ ދާއިރާ އެކަނި ރާއްޖޭގެ ގީޑީޕީގެ 27.9 ޕަސެންޓު ހިއްސާ ކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާގަ އެވެ. އެ ދެ ދާއިރާއިން ގީޑީޕީގެ 13.1 ޕަސެންޓު ހިއްސާ ކުރެއެވެ. ފުރަތަމަ ކުއާޓާގައި ޖީޑީޕީގެ ހިއްސާ އެންމެ ބޮޑު ދާއިރާތައް: ޓޫރިޒަމް ދައިރާ: 27.9 ޕަސެންޓު ދަތުރުފަތުރާއި މުއާސަލާތީ ދާއިރާ: 13.1 ޕަސެންޓު ހޯލްސޭލް އަދި ރީޓެއިލް ދާއިރާ: 8.1 ޕަސެންޓު ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ: 6.7 ޕަސެންޓު ކޮންސްޓްރަކްޝަންގެ ދާއިރާ: 5.1 ޕަސެންޓު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މަސްވެރިކަމުގެ ދާއިރާއަށެވެ. އެ ދާއިރާގެ ގްރޯތު ރޭޓު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 11.8 ޕަސެންޓުގައި ހުރެފައި މި އަހަރުގެ ފަހު ކުއާޓާގައި 16.9 ޕަސެންޓަށް އިތުރުވެފަ އެވެ. ދެން އެންމެ ބޮޑަށް ކުރި އެރީ ފެނާއި ކަރަންޓުގެ ހިދުމަތުގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާ އެވެ. ފެނާއި ކަރަންޓުގެ ހިދުމަތުގެ ދާއިރާގެ ގްރޯތު ރޭޓު 9.5 ޕަސެންޓަށް ކުރިއަށް ޖެހިލި އިރު ޓޫރިޒަމް ދާއިރާގެ ގްރޯތު ރޭޓު ވަނީ 9.1 އަކަށް ޖެހިލައިފަ އެވެ. ތަކެތީގެ އަގު މައްޗަށް އެމްއެމްއޭ އިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހުގައި އިންފްލޭޝަން ވަނީ 0.03 ޕަސެންޓު މައްޗަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގައި އިންފްލޭޝަން ހުރީ -0.4 ޕަސެންޓުގަ އެވެ. އަދި ދެވަނަ ކުއާޓާއަށް އެކަނި ބަލާ ނަމަ އެ ކުއާޓާގައި އިންފްލޭޝަން 0.7 ޕަސެންޓު މައްޗަށް ގޮސްފައިވެ އެވެ. އެމްއެމްއޭގެ ބުލެޓިންގައި ފާހަގަ ކުރާ ގޮތުން ރާއްޖޭގެ އިންފްލޭޝަން މި އަހަރުގެ ތެރޭގައި މައްޗަށް ދިޔައީ، މުޅި 2018 ވަނަ އަހަރު އިންފްލޭޝަން ރޭޓު ދަށްކޮށް އޮވެފަ އެވެ. އިންފްލޭޝަން މައްޗަށް ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ކުލީގެ އަގު މައްޗަށް ދިޔުމާއި މޭވާގެ އަގުތަކާއި، ސިއްހީ ހިދުމަތުގެ އަގުތަކާއި، ޑެންޓަލް ހިދުމަތްތަކުގެ އަގުތައް މައްޗަށް ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ