އެސްޓީއޯ އިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަކުރުމާ ދުރަށް ދިޔުމުގެ މަސައްކަތް ފަށާފަ: އަމްރު

އެސްޓީއޯ އިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަ ކުރުމާ ދުރަށް ދިއުމަށް މަސައްކަތް ފަށާފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ އެސްޓީއޯއިން ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން، ކުދި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
އެސްޓީއޯއިން އިއްޔެ ފެށި ހިދުމަތާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ޒުވާން ގިނަ ވިޔަފާރިވެރިން ކުރަމުން އަންނަ ކުލަ ލައިދިނުމުގެ ހިދުމަތަށް، އެސްޓީއޯ ފަދަ ބޮޑު ކުންފުންޏަކުން ވަނުން ހުއްޓުވައި ދިނުމަށް ރައީސް ސޯލިހަށް އިލްތިމާސް ދަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވަނީ އެ ކަންބޮޑުވުން ފާހަގަކުރައްވާފަ އެވެ.
އެސްޓީއޯގެ އެމްޑީ، އަމްރު ރޭ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ކުލަ ލުމުގެ ހިދުމަތް އެސްޓީއޯ އިން ފަށާފައި އެވަނީ އިއުލާނުކޮށްގެން، ކުލަލާ ކުޑަ ކުންފުންޏެއް ހޯދައި، ސިންގަޕޫރުން އެކްސްޕާޓުން ގެނެސް ތަމްރީނު ދީގެން ކަމަށެވެ. އަދި ކުލަލާ އިންތިޒާމު ހަމަޖައްސާފައި ވަނީ އެސްޓިއޯއިން ކުލަ ގަތުމުން އެ ކުޑަ ކުންފުންޏަށް ފައިދާ ލިބޭގޮތަށް ކަމަށް އަމްރު ވިދާޅުވިއެވެ.
"އެސްޓީއޯއިން ކުރިންވެސް ދިޔައީ ކުލަ ވިއްކަމުން. އެސްޓީއޯއިން ވަނީ އިއުލާނުކޮށްގެން ކުލަލާ ކުޑަ ކުންފުންޏެއް ހޯދައި ސިންގަޕޫރުން އެކްސްޕާޓުން ގެނެސްގެން ތަމްރީނުދީ، އެސްޓީއޯއިން ކުލަ ގަތުމުން އެ ކުޑަ ކުންފުންޏަށް ފައިސާ ލިބޭ ގޮތަށް ކުލަ ލައިދެވޭނެ އިންތިޒާމު ހަމަޖައްސާފަ. މިކަމުގެ ސަބަބުން ކުލަލުމުގެ މަސައްކަތް ކުރަމުންދިޔަ ކުޑަ ވިޔަފާރި އަކަށް މަސައްކަތް ލިބި އާމްދަނީ އިތުރުވެގެންދާނެ." ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަކުރުމާ ދުރަށް ދިއުމަށް މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން އިލެކްޓްރޯނިކްސް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެސްޓީއޯގެ ރީޓެއިލް ޝެލްފްތައްވެސް އެކި ފަރާތްތަކަށް ކުއްޔަށް ދެމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ކުރަމުން އަންނަ ވިޔަފާރުތައް ކުއްލިޔަކަށް ހުއްޓާލުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާނެ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކުރުމުގެ ގޮތުން އަންނަ އަހަރު ޝިޕިން ލައިނެއްގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފުޑް ސެކިއުރިޓީއަށް ބާރުއެޅުމުގެ ގޮތުންނާއި، ދަނޑުވެރިންނަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން، ހައްދާ ތަކެތި ވަގުތުން ގަތުމަށާއި، ތޮއްޑޫގައި އެތަކެތި ގަނެ، ކިރައި، ސާފުކޮށް، ޕެކްކޮށްގެން ޑިސްޓްރިބިއުޓް ކުރާނެ އެގްރިސެންޓަރު އެޅުމަށް މިހާރު އިއުލާނުކޮށްފައިވާ ކަަމަށްވެސް އަމްރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ