ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ވުހާން ސިޓީ ކަރަންޓީން ކޮށްފި

ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ވުހާން ސިޓީ ކަރަންޓީން ކޮށްފިއެވެ.
ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެން ފަށާފައި ވާއިރު މިހާތަނަށް މިވައިރަސްގެ ސަބަބުން 17 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާން ސިޓީން ވަނީ މިވައިރަސް ފެނުމާއެކު އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފަށާފައެވެ. ވުހާން ސިޓީން ވަނީ މިއަދުން ފެށިގެން އެސިޓީ އަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ބަންދު ކުރުމަށް ނިންމާފައެވެ. އެގޮތުން ފްލައިޓުތަކާއި ރޭލުތަކުގައި އެސިޓީއަށް ދަތުރުފަތުރު ނުކުރެވޭނެ ގޮތަށް މިއަދުން ފެށިގެން ހުއްޓުވުމަށް ނިންމާފައެވެ.
ޑަބްލިއުއެޗްއޯއިން ވެސް ވަނީ ޗައިނާގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިގެން ދާނެކަމަށް ބުނެފައެވެ. އަދި މިއީ އެހެން ގައުމުތަކަށް މިވައިރަސް ފެތުރިގެން ދިއުން މަދުކުރެވޭނެ ގޮތެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮރޯނާ ވައިރަސް ޗައިނާގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިވައިރަސް ހުރި މީހުން ވަނީ ފެންނަން ފަށާފައެވެ. ޗައިނާގެ އިތުރުން ތައިލެންޑް، ކޮރެއާ، އަދި ޖަޕާންގެ އިތުރުން ޓައިވާނުން ވެސް ވަނީ މިވައިރަސް ހުރި މީހުން ފެނިފައެވެ.
މިހާތަނަށް 500 މީހުންގެ ހަށިގަނޑުން މިވައިރަސް ފެނިފައިވީ ނަމަވެސް 4000 އަށް ވުރެ ގިނަ މީހުންނަށް މިވައިރަސްގެ އަސަރު ކޮށްފައި ވާނެކަމަށް ލަފާ ކުރެވެއެވެ.
ކޮރޯނާ ވައިރަސް ފުރަތަމަ ފެނިފައިވަނީ ވުހާންގެ ސީފުޓް މާކެޓަކުން ވިއްކާފައިވާ މަހުގެ ބާވަތަކުންނެވެ. އަދި މިވައިރަސް ވަނީ އިންސާނުންގެ ހަށިގަންޑުންވެސް ފެނި ފެތުރެން ފަށާފައެވެ. ވައިރަސްގެ އަސަރު ހަށިގަނޑަށް ކުރުމާއެކު ނޭވާލާ ނިޒާމަށް އޭގެ އަސަރުކޮށް ނޭވާކުރުވެ ނޭވާލުމުގައި އުނދަގޫތަކެއް ވާން ފަށައެވެ.
ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތައް ރާއްޖޭގައި ވެސް ވަނީ އަޅަން ފަށާފަ އެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވައިރަސްއަށް ފަތުރުވެރީން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ