މެމްބަރުންނަށް ކާންދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކެއުމާއި ސައި ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކެއުމާއި ސައި ހަމަޖައްސާތީ ބައެއް ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަހެއްގެ މައްޗަށް މެމްބަރުންގެ ކެއުމަށް ހަރަދުވާ މިންވަރާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ އޮންނަ ކޮންމެ ދުވަހެއްގައި ކޮންމެ މެމްބަރެއްގެ ކެއުމަށް 159 ރުފިޔާ އަރާ ކަމަށެވެ. އެއީ ބޮޑު ނޫން އަދަދެއްކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ؛ "އާދައިގެ ހޮޓަލަކުން ވެސް މުގު ކޮޅަކާއި، ހާމަސް ކޮޅަކާއި ދެން އަދި ސަޓަނިކޮޅެއް ލައިފިއްޔާ ވެސް 159 ރުފިޔާ" އަރާނެ ކަމަށެވެ. ރައީސް ނަޝީދު އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކާންދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި މިބޭފުޅުންނަށް ކާންދީފައި ބޭތިއްބުމަކީ ބުއްދިވެރިކަމެއް. އެނގިވަޑައިގަންނަވާނެ މިއީ ބަހުސްކުރާ ބައެއް. ކާ ގަޑިގަޑި ޖެހިގެން އަންނަ އިރުގައި ގަޑިން ގަޑިއަށް ކާންދީފައި ބޭތިއްބުމަކީ އަޅުގަނޑަށް ހީވަނީ ކޮންމެހެން އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއްހެން." ރައީސް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ "ވަކީލުންނަށް" ކާންދީފައި ބޭތިއްބުމުގެ ބޭނުންތެރިކަން ރައްޔިތުންނަށް ސާފުވާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސުކޫލުތަކުގެ ކުދިންނަށް ހެނދުނު ނާސްތާ ދެނީވެސް ބަނޑުހައި ހޫނު ކަމުގައި ތިބެ ނުކިޔެވޭތީކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގައިވެސް މަދަރުސާއެއްގައި ވާ ކަންކަން ވާނެކަމަށް ވިދާޅުވި އެވެ. "މި ބޭފުޅުންނަށްވެސް ކޮންމެސް އެއްޗެއް ކާންދީގެން އަޅުގަނޑުމެންނަށް އުޅެވޭނީ. އެ ނޫން ގޮތަކަށް ބަނޑުހައިހޫނުކަމުގައި ބައިތިއްބައިގެން ބަހުސްކުރަން ނުކުންނަވައިފިއްޔާ ވާނެ ގޮތްތަކެއް އަޅުގަނޑުގެ ހިތަށް ގެންނަންވެސް ލަދުގަނޭ." ރައީސް ނަޝީދު ވިދާޅުވި އެވެ. https://sun.mv/123272
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ