ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ ބަންދުން ދޫކޮށްލައިފި

ވައިގެ މަގުން މިދިޔަ މާޗު މަހު ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްލައިފި އެވެ.
ޕޮލިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މއ. ނޮޅިވަރަމްގޭ އަބްދުލް ވާހިދުގެ އިތުރުން ދިރުވައިލައިގެން ޖުލައި މަހުގެ ތެރޭގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހިމެނޭ ގއ. ވިލިނގިލީ ސަވާ ވިޝާމް ޝަފީގު ވެސް ބަންދުން ދޫކޮށްލުމަށް ޖިނާއީ ކޯޓުން ބުރާސްފަތި ދުވަހު އަމުރު ނެރުނު ކަމަށެވެ.
ވާހިދުގެ ވަކީލު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ، ވާހިދު ދޫކޮށްލަން ކޯޓުން އަމުރު ނެރުނީ، މައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަންތައްތަކަށް ބެއްލެވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.
"ބަލަންޖެހޭ ހުރިހާ ކަންތައްތަކަށް ވަރަށް ރަނގަޅަށް ގާޒީ ބެއްލެވުމަށްފަހު އޭނާ (ވާހިދު) އިތުރަށް ބަންދުގައި ބަހައްޓަންޖެހޭނެ ކަމަށް ނުފެންނާތީ ދޫކޮށްލީ،" ވަކީލު ވިދާޅުވި އެވެ."ދޮޅު ގަޑިއިރުގެ ބަހުސެއްގައި ހުރިހާ ޑޮކިއުމެންޓެއް ބެއްލެވުމަށް ފަހު އޭނާ ދޫކޮށްލީ."
ވާހިދު ބަންދުން ދޫކޮށްލުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރުގައި ބުނަނީ، މައްސަލަ ތަހުގީގުކޮށް ނިމުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހަށް ވެސް މައްސަލަ ފޮނުވާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"....(އެހެންކަމުން) މައްސަލައިގައި ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށާއި ދެ ފަރާތުން ދައްކައިފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް މި މައްސަލައިގައި އިތުރަށް މުއްދަތު ދޭނެ ތަނެއް ނުފެނޭ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ހަމަ އެމައްސަލައިގައި ހިމެނޭ ލަންކާގެ ސަމީން އުއްމުލް ފައުމިއްޔާ ވެސް މީގެ ކުރިން ވަނީ ބަންދުގައި ބަހައްޓަން ނުފެންނާތީ ޖިނާއީ ކޯޓުން ދޫކޮށްލައިފަ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި ނެތުމުން އޭނާ ވަނީ ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ރަށަށް ފުރައިފަ އެވެ.
މިދިޔަ ޖުލައި މަހުގެ 14 ގައި ދިރުވައިލައިގެން މަސްތުވާތަކެތި އެތެރު ކުރި މައްސަލައިގައި ހިމެނޭ ވިޝާމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މާޗް 13 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެއީ އެ ތަކެތި ގެނައި ކަމަށް ބުނާ ފައުމިއްޔާ އާއި މުހައްމަދު ވަސޫދާ މުހައްމަދު ބިސްތާމީގެ އިތުރުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ވާހިދާއި ލަންކާގެ އިތުރު މީހެކެވެ.
ފައުމިއްޔާ އާއި ބިސްތާމީ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ބުނަނީ އެ މީހުން ގެނައި ދެ ދަބަހުގެ ވަތުގައި އިތުރު ފުލެއް އަޅައި، ދެ ފޫ ދެމެދުގައި އެ ތަކެތި ފޮރުވައިގެންނެވެ.
އެ ހަތަރު ކިލޯގެ މަސްތުވާތަކެއްޗަކީ ކަސްޓަމްސް އިން މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެތި ކަމަށް އެ ފަރާތުން ބުނެ އެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 15 މިލިއަން ދިވެހި ރުފިޔާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ