އިސްތިއުފާ ދެއްވި ހުރިހާ ވަޒީރުންނާ އެކު ކެބިނެޓް އަލުން އެކުލަވާލައްވައިފި

ރައްޔިތުންގެ މަޖިލިހުގައި ކަން ހިނގާ ގޮތާ މެދު ޝަކުވާކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވާ ހުރިހާ ބޭފުޅުން ވެސް ކުރިން ތިއްބެވި މަގާމުތަކަށް އިސްކުރައްވާ މިއަދު ކެބިނެޓް އަލުން އެކުލަވާލައްވައިފި އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި 13 މިނިސްޓަރުންގެ ތެރެއިން މިދިއަ އަންގާރަދުވަހާ ހަމައަށް ވުޒާރާތައް ހިންގެވި ގޮތަށް ބަދަލު ގެންނެވީ ހަމައެކަނި މަހަމޫދު ރާޒީގެ މަސްއޫލިއްޔަތަށެވެ. އޭނާ ވަނީ ކުރިން ހުންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމުން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ކަމަށް ބަދަލުކުރައްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބެން ޖެހޭނެ ކަމަށް ގާނޫނު އަސާސީ އޮންނަ އޮތުމަކީ "މަޖިލިހުގެ އެންމެ މެމްބަރުން އީށީންނަވައިގެން ވޯޓު ދެއްވައިގެން ނިންމަވާ ގޮތަކަށް އޮތް ކަމެއް ކަމަށް ގަބޫލެއް ނުކުރަން" ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށްވެސް ނުދެކެން މަޖިލިހުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން އެ ބޭފުޅުން އެކަމަށް ހުއްޓުމެއް ގެންނަން އުޅެފާނެ ކަމަކަށް. އަޅުގަނޑު މިދެކެނީ މެމްބަރުން ކެބިނެޓާ ގުޅޭ ގޮތުން އެބޭފުޅުންގެ ހުދޫދުތައް އެބޭފުޅުން ހިފަހައްޓާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުން ގާނޫނު އަސާސީ ބައްލަވައިލެއްވީމާ އެނގޭނެ ރުހުން މި އަންނަނީ އެންމެ ކަމަކާ ގުޅިގެންކަން. އެއީ ވަޒީރުންގެ މަޖިލިސް. ދެން ހަދަން ޖެހޭ މިނިވަން ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރަން ޖެހެނީ މަޖިލިހުގެ މެޖޯރިޓީ ލިބިގެން."
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުން ކަންކަން ނިންމާނީ ރިޔާސީ ނިޒާމުގެ ރޫހަށް ބަލައިގެންނެވެ. ރިޔާސީ ނިޒާމުގައި ސަރުކާރު އެކުލަވާލައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެފުރުސަތު ރައީސަށް ފުރިހަމަ އަށް ލިބިދޭން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް އެ ބޭފުޅުންގެ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު މިއައީ ވަޒީރުންގެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލހުން ހުރަސްއަޅާކަމާއި އަދި ރައްޔިތުންގެ މަޖިލިހުގައި ކަންކަން ނިމެނީ ރިޝްވަތަށް ކަމަށް ވިދާޅުވެ ޝަކުވާ ކުރެއްވުމަށް ފަހު ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލިހުން އެބޭފުޅުންނަށް ރުހުން ލިބުމަކީ އުނދަގޫވެދާނެ ކަމެއް ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.
"ޑިއާރުޕީގެ އަހުމަދު ތަސްމީން އަލީއާ އަޅުގަނޑު މަޝްވަރާކުރިން ތެދުފުޅެއް ތަސްމީން ވިދާޅެއްނުވޭ މިވެނި ކަމެއް އެވެނި ކަމަކަށް މަސައްކަތް ކުރާނަމެކޭ. އެހެންނަމަވެސް ޑީއާރުޕީގެ ގިނަ މެމްބަރުން އަޅުގަނޑާ ގުޅުއްވާފައި ވިދާޅުވި ނޭދެމޭ ސަރުކާރު، ދައުލަތް ހުއްޓިފައި އޮންނާކަށް. އަޅުގަނޑު ދެކެނީ ޑީއާރުޕީގެ ވެސް ގިނަ މެމްބަރުންނާއި މިނިވަން އެހެން މެމްބަރުންނާ އެކު މަޝްވަރާ ކުރެވިއްޖެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގެ ތެރޭގައި އޮންނަ ރިޝްވަތުގެ މައްސަލާގައި ސަރުކާރާއި ޝަރުއީ ދާއިރާއިން "އެކަށީގެންވާ ފިޔަވަޅު އަޅާ ދިނުމަށް" ވަޒީރުން ކުރިން އެދިވަޑައިގެންނެވި ކަންތައް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދާދި އަވަހަށް އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން ތަހުގީގު މަރުހަލާ 10 ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްގެން ނުވާނެ."
އިދިކޮޅު ދެ މެމްބަރުން ކަމަށްވާ މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމާއި މުލަކު ދާއިރާގެ އަބްދުﷲ ޔާމީން، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރައްވަން އުޅުއްވާކަމުގެ ތުހުމަތާއި މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގައި މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ރައީސް ވިދާޅުވީ މިދއަ ހަފުތާގެ ތެރޭގައި ކުރީގެ ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށާއި ސީދާ އެމަނިކުފާނަށް ވެސް ވަރަށް ގިނަ ފިލާވަޅުތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހިންގުން ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް މަޖިލިހުން ގެނައި އިސްލާހު ތަސްދީގުނުކުރައްވާ މަޖިލިހަށް އަނބުރާ ފޮނުއްވާލުވުން މަޖިލިހުން އެ އަލުން ފާސްކޮށް ގާނޫނަކަށް ވެއްޖެ ނަމަ އެ ގާނޫނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ކަނޑައެޅިގެން ގެއްލުމެއް ލިބޭނެ ކަމެއް އަޅުގަނޑަކަށް ނުކުރޭނެ ކުރާކަށް. އަޅުގަނޑުގެ ޒިންމާއެއް އެއީ ގައުމަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އެކި މީހުން އެކި ނިޔަތުގައި ގެއްލުން ދިނުމަށް މަސައްކަތްކޮށްފާނެ. ވެރިއެއްގެ ގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތެއް އެއީ ދިފާއީ ބާރު ބޭނުންކުރަން ޖެހޭ ކަމެއްގައި ދިފާއީ ބާރު ބޭނުންކޮށްގެން، ކެތްތެރިކަން ބޭނުންކުރަން ޖެހޭ ކަންކަމުގައި ކެތްތެރިކަން ބޭނުންކޮށްގެން [އެކަންކަން ހުއްޓުވުން]."
25: 17 - ހުރިހާ ވަޒީރުން އިސްތިއުފާ ނުދެއްވާ ރިޝްވަތު ތަހުގީގު ނުކުރެވޭނެތޯ އާއި އެ އިސްތިއުފާ އަކީ ސްޓަންޓެއްތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ވަޒީރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން އެއީ "ޝަރަފްވެރި" އަދި "އިޚްލާސްތެރި" ނިންމެވުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއާ އެކު ރައީސް ވިދާޅުވީ ވަޒީރުން އެ ބޭފުޅުންގެ މަގާމާއި މުސާރަ ދެމެހެއްޓެވުމުގެ ނިޔަތެއް ނުގެންގުޅުއްވާ ކަން އެ ނިންމެވުމުން ދޭހަވާ ކަމަށެވެ.
21: 17 - މަހުމޫދު ރާޒީ އަލުން އައްޔަން ކުރެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އަށެވެ. ރައީސް ވިދާޅުވީ އޭނާ ކުރިން އަދާ ކުރައްވަމުން ގެންދެވި ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށެވެ. އަދި ހައުސިން އާއި އެންވަޔަރްމެންޓާ އެކު ކުރިން އޮތް ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަނަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
18: 17 - ކެބިނެޓް އަލުން އައްޔަން ކުރެއްވީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުން ދޭން ޖެހެނީ ރުހުމެއް ކަމަށާއި "އެއީކީއެއް މަޖިލިހުގެ އެންމެ މެމްބަރުން އީށީންނަވައިގެން ވޯޓު ދެއްވައިގެން ނިންމަވާ ގޮތަކަށް" ގާނޫނު އަސާސީގައި އޮންނަ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
16: 17 - ރައީސް ނަޝީދު ވިދާޅުވީ މާލިއްޔަތު ގާނޫނަށް މަޖިލިހުން ގެނައި އިސްލާހު އަނބުރާ ފޮނުއްވާލެއްވުމުން މަޖިލިހުގެ 39 މެމްބަރުންގެ ވޯޓުން އަލުން ފާސްކޮށް ގާނޫނަކަށް ހަދައިފިނަމަ އެ ގާނޫނު ސުޕްރީމް ކޯޓަށް ފޮނުއްވާނެ ކަމަށާއި ސަރުކާރަށް އެ ގާނޫނު ބަލައިގަނެވެން ނޯންނާނެ ކަމަށެވެ.
04: 17 - ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވަޒީރުން އިސްތިއުފާ ދެއްވުމުގައި "މައިގަނޑު" ޝަކުވާ އަކީ މަޖިލިހުގެ އަޣުލަބިއްޔަތުން ކަމެއް ނިންމުން ނޫން ކަމަށާއި މަޖިލިހުގައި "ރިޝްވަތުގެ މުއާމަލާތް ހިނގަމުންދާތީ ފިޔަވަޅު އަޅައިދިނުމަށް އެދުނީ" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތުގެ ތުހުމަތު ތަހުގީގު ކުރަމުންދާ ކަމަށާއި ޔާމީނާއި ގާސިމްގެ މައްސަލައިގެ ތަހުގީގު 10 ވަރަކަށް ދުވަސް ތެރޭ ނިންމައި ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި އެ މަނިކުފާނު އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. ނަމަވެސް ޑީއާރުޕީގެ މަޖިލިސް މެމްބަރުން ވަކިވަކިން އެ މަނިކުފާނަށް ގުޅުއްވައި ސަރުކާރު ހުއްޓެން ބޭނުން ނުވާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި މިނިވަން މެމްބަރުންނާ ވެސް ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އެހެންކަމުން "އެއް ފިކުރަކަށް އަޅުގަނޑުމެންނަށް އެބަ އާދެވޭ ކަމަށް" ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރިޔާސީ ނިޒާމުގެ ރޫހަށް މަޖިލިހުގެ ކަންކަން ބަހައްޓައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
59: 16 - ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ "އަޅުގަނޑުމެންނަށް އަނެއްކާވެސް ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ.
ރައީސް ވިދާޅުވީ ކެބިނެޓާއެކު "މީގެ ކުރިން ވެސް މަސައްކަތް ކުރަމުން ދިޔަ ސާބިތުކަން މަތީ" ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގާބިލިއްޔަތު ތަން ދިން މިންވަރަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
55: 16 - ރައީސް މުހައްމަދު ނަޝީދު މިހާރު ގެންދަވަނީ ވަޒީރުކަމުގެ ފަތްކޮޅު ހަވާލު ކުރައްވަމުންނެވެ.
52: 16 - ކެބިނެޓަށް އަލުން އައްޔަން ކުރައްވާ 13 ބޭފުޅުން ހުވާގެ އިގުރާރުގައި ސޮއި ކުރައްވައިފި އެވެ.
46: 16 - ހުވާ ކުރެއްވި ބޭފުޅުން ހުވާގެ އިގުރާރުގައި ސޮއި ކުރެއްވުމަށް ފަހު ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
45: 16 - ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ހުވާ ކުރެއްވީ ވަކިންނެވެ.
43: 16 - އިސްތިއުފާ ދެއްވި 12 ވަޒީރުން އަލުން ހުވާ ކުރައްވައިފި އެވެ.
28: 14 - ވަޒީރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު 30: 4 އަށް ފަސް ކޮށްފި އެވެ.
18: 14 - އިސްތިއުފާ ދެއްވި 13 މިނިސްޓަރުން މިއަދު އަލުން ހުވާކުރައްވާ އިރު، އެޑިޔުކޭޝަން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެއް މެމްބަރު، ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބު ވިދާޅުވީ ރައީސް ނަޝީދު "ޑްރާމާ ކުޅުއްވިޔަސް" އެ މެމްބަރުން ނިންމަވާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން މި ތިބީ ކުރިން ވެސް ތިބި ގޮތަށް. ކެބިނެޓް އިސްތިއުފާ ދެއްވައި މި ކުރެއްވި ކަމަކީ، މިއީ ރައީސް ނަޝީދު ކުޅުއްވި ޑްރާމާއެއް. ރައީސަށް މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާތީ މިހާރު މުޒާހަރާތަކަށް މި ނުކުންނަވަނީ، އޭގެ ދަށުން ތިއްބެވި ބޭފުޅުން. އިސްތިއުފާ ދެއްވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީން،" މުއްތޮލިބު ވިދާޅުވި އެވެ.
43: 13 - މިއަދު ހުވާ ކުރައްވަނީ އިސްތިއުފާ ދެއްވި 13 ވަޒީރުން ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
12: 13 - ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެ ކަމަށް ރައީސް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފި އެވެ.
އެ އޮފީހުން ވަނީ ވަޒީރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 45: 2 ގައި ދިއުމަށް މީޑިއާ އަށް ދައުވަތު ދީފަ އެވެ.
ރައީސް ނަޝީދުގެ ކެބިނެޓްގައި ތިއްބެވި ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވާފައިވާ އިރު ކެބިނެޓަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް ނަޝީދު މަޖިލިހަށް ނަންތަކެއް ހުށަހަޅުއްވާފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ބުނަނީ "ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި ވަޒީރުންގެ މަޖިލިހަށް އައްޔަން ކުރާ އެހެން މެމްބަރުން އެ މަޖިލިހަށް އައްޔަން ކުރުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ވާނެ" ކަމަށެވެ.
އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ "ވަޒީރުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މީހުންގެ ނަންތައް އެ މީހުން އައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލިހަށް ރައީސުލްޖުމްހުރިއްޔާ ހުށަހަޅަން ވާނެ" ކަމަށެވެ.
މި ކަމާ ބެހޭ ގޮތުން ރައީސް އޮފީހުން ތަފްސީލް ލިބޭ ގޮތެއް އަދި ނުވެ އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ