ސިޔާސީ ވިސްނުމަށް ނުބަލައި ތަރައްގީއަށް ނުކުންނަން ވެއްޖެ: ރައީސް

ވަކި ސިޔާސީ ވިސްނުމަކަށް ނުބަލައި ރަށުގެ ތަރައްގީ އަށާއި އަތޮޅުގެ ކުރިއެރުމަށާއި ރާއްޖޭގެ މުސްތަގްބަލަށް އެންމެން އެކީގައި ނުކުމެ މަސައްކަތްކުރަން ވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ހުނަރު ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނީކުން ހދ. ކުޅުދުއްފުށީގައި ހިންގާ އިލެކްޓްރީޝަން ކޯސް އިފްތާހްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ބުދަ ދުވަހު ހަވީރު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އޮތް ފުރުސަތުތައް ބޭރު މީހުންނަށް ދިނުމުގެ ބަދަލުގައި ދިވެހިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ހުނަރު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ވެސް ދިވެހި ޒުވާނުންނަށް ވަޒީފާއެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ހުނަރު ޕްރޮގްރާމްގައި ހިމެނޭ ފަސްދޮޅަހަކަށް ދާއިރާއިން 8،500 ދިވެހިން ތަމްރީން ފުރިހަމަކޮށް ނިމުމުން، ދިވެއްސަކަށް ވަޒީފާ ނުލިބި ބޭރުމީހަކަށް ލިބިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މި މަޝްރޫއު ކުރިއަށްދާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުސްތަގްބަލުގައި ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް ސަރުކާރުން ނިންމާފައި ވާކަން ހާމަކުރައްވަމުން، އެކަމަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ބޯޓު ދަތުރުކުރާ މީހުން ތަމްރީންކުރާނެ ސްކޫލެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ކުޅުދުއްފުށީގައި ގާއިމުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ