ވިސާ ޑެބިޓް ކާޑުން އެހެން ބޭންކުތަކުގެ ޕީއޯއެސްތަކުން ވިޔަފާރި ކުރެވޭ އަދަދު ދުވާލަކަށް 3،000 ޑޮލަރަށް މަދުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން އެހެން ބޭންކުތަކުގެ ޕީއޯއެސްތަކުން ވިޔަފާރި ކުރެވޭ މިންވަރު ދުވާލަކަށް 3،000 ޑޮލަރު ( 38،550ރ)އަށް މަދުކޮށްފި އެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެހެން ބޭންކުތަކުގެ ޕީއޯއެސްތަކުން އިއްޔެ އިން ފެށިގެން ދުވާލަކު ވިޔަފާރިކުރެވޭ މިންވަރެއް ކަނޑައަޅަން ޖެހުނީ ފަހަކަށް އައިސް ބޭރުގެ ޕީއޯއެސް މެޝިންތަކުން ވަރަށް ގިނައިން ބޮޑެތި އަދަދުތަކުން ވިޔަފާރިކުރަމުންދާތީ ކަމަށެވެ. އެ ބޭންކުން މީގެ ކުރިން ވިސާ ޑެބިޓްކާޑު ބޭނުންކޮށްގެން ދުވާލަކު ވިޔަފާރިކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅާފައެއްނުވެ އެވެ.
ބީއެމްއެލް އިން ބުނީ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު ވިޔަފާރިކުރެވޭ މިންވަރު ކަނޑައަޅަން ޖެހުނީ ފަހަކަށް އައިސް ބޭރުގެ ޕީއޯއެސް މެޝިންތަކުން ވަރަށް ގިނައިން ބޮޑެތި އަދަދުތައް ނަގަމުންދާތީ ކަމަށެވެ.
"މިގޮތަށް ބޭރުން ނެގޭ ފައިސާއަކީ ކޮންމެ ރެއަކު ސެޓްލްމަންޓް ހަދާއިރު އެ ޕީއޯއެސް މެޝިން ހިންގާ ބޭންކަކަށް ބޭންކް އޮފް މޯލްޑިވްސް ިއން ބޭރު ފައިސާއިން ދައްކަން ޖެހޭ އަދަދަކަށްވާތީ، މިކަމާ ގުޅިގެން ބޭންކު ހިންގުމުގައި އަދި ކަސްޓަމަރުންނަށް އެހެނިހެން ހިދުމަތް ދިނުމުގައި ދަތިތަކަކާ ދިމާވަމުން ދެ އެވެ،" އެ ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވެފައިވާ ދަތިތައް ހައްލުވުމުން އެ ލިމިޓް ބޮޑުކުރެވޭނެ ކަމަށެވެ.
އެ ބޭންކުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގެ އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް ނެގޭ އެންމެ ގިނަ އަދަދު 500 ޑޮލަރަށް ލިމިޓް ކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ ވިސާ ޑެބިޓް ކާޑުން ނެގޭ އަދަދު ލިމިޓެ ކުރަން ނިންމީ ބޭރުގެ އޭޓީއެމް ތަކުން ނަގާ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާއެކު، އެކަމަށް ކޮންޓްރޯލެއް ނުގެނެސްފި ނަމަ ދެމެހެއްޓެނިވި ހިދުމަތެއް ހަމަހަމަކޮށް ދިނުމުގައި ބޭންކަށް ދަތިތަކެއް ދިމާވާނެތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ