ތިމާވެއްޓާ ރައްޓެހި މެލޭޝިއާގެ ހަކަތައެއް ރައީސް ނަޝީދު އައްޑޫގައި އިފުތިތާހު ކޮށްދެއްވައިފި

ތިމާވެއްޓާ ރައްޓެހި ގޮތަކަށް މެލޭޝިއާގައި އުފައްދާފައިވާ ހަކަތައެއް، ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޑު އަތޮޅުގައި އިފުތިތާހުކޮށް ދެއްވައިފި އެވެ.
މަރަދޫފޭދޫ އިޖުތިމާއީ މަރުކަޒުގައި މިއަދު މެންދުރު ފަހު މި ކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އިފުތިތާހުކޮށްދެއްވި ހަކަތަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ކޮޑާނާ އިން ތައްޔާރުކޮށްފައިވާ ގްރޭޓް ބައޯ ފިއުލް އެންހޭންސާ އެވެ. މި އުފެއްދުމަކީ އިންޖީނުލީ އުޅަނދުތަކުގައި ބޭނުންކުރާ ހަކަތައިގެ ހަރަދު ކުޑަކޮށްދޭ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ކަމަށް ރާއްޖޭގައި މި އުފެއްދުން ޑިސްޓްރިބިއުޓްކުރާ އައްޑު އަތޮޅު ވަން ޕްލަސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ މިފަދަ އުފެއްދުމެއް ރާއްޖެ އަށް ތައާރަފްކޮށް މާކެޓްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީ ހިތްވަރު ދިނުން ކަމަށެވެ.
މި ހަފުލާގައި ރައީސް ނަޝީދު ވިދާޅުވީ މި ކަމަކީ ރާއްޖެ އަށް ވަރަށް ފައިދާ ހުރި ކަމެއްކަމަށާއި މެލޭޝިއާގެ ކުންފުންޏަކުން މި ކަހަލަ ޕްރޮޖެކްޓެއް ރާއްޖޭގެ ބަޔަކާ ގުޅިގެން ކުރަމުން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ރައީސް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ