ގުޅިފައިވާ ކުންފުނިން ކޭބަލް ޓީވީގެ ހިދުމަތް ދެނެއް ނުދޭނެ: މިނިސްޓަރު

ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ޓަކައި މެސްކޯ އާއި ޖޭސެޓް ގުޅިގެން ގަވައިދާ ހިލާފަށް އުފައްދާފައިވާ ކުންފުނި ކުރިއަށް އޮތްތާނގައި ހަރަކާތްތެރި ނުވާނެ ކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން މިނިސްޓްރީ އާއި ޖޭސެޓާއި މެސްކޯ އާ އެކު ބުރާސްފަތި ދުވަހު ބޭއްވި ވާހަކަތަކަށް ފަހު ނެރެފައިވާ ނޫސް ބަޔާނުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ޓަކައި ގަވައިދާ ހިލާފަށް އުފައްދާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވާ މަލްޓި ސާވިސް އޮޕަރޭޓަ ކުންފުންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ހިމަނާފައި ނެތީ ކީއްވެތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވަނީ އެ ކުންފުނި ދެން ހަރަކާތްތެރި ނުވާނެ ކަމަށެވެ.
"މި މައްސަލަ ޖެހިގެން މިނިސްޓްރީން ބަލައި، އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި. މިހާރު މި މައްސަލަ އޮންނާނީ މި ހިދުމަތް ދޭން ފެށި އިރު އޮތް ގޮތަށް. މާނަ އަކީ ދެ ކުންފުނިން ވެސް ހިދުމަތް ދޭނީ ވަކިންނޭ،" ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް، ގަވައިދާ ހިލާފަށް ކުންފުންޏެއް އުފައްދައި ހިދުމަތް ދިން މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅުއްވާފައިވާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
މެސްކޯ އާއި ޖޭސެޓުން ހިދުމަތްދެމުން ގެންދާނީ ކުރިން ވެސް ހިދުމަތްދެމުން އައި ގޮތަށް ކަމަށް، ބުރާސްފަތި ދުވަހު ބޭއްވި ވާހަކަތަކަށް ފަހު އިންފޮމޭޝަނާއި މި ދެ ކުންފުނި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެ އެވެ.
"މެސްކޯ އާއި ޖޭސެޓުން ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އިން ހުއްދަ ނަންގަވައިގެން ކުރިއްސުރެ ދެއްވަމުން ގެންދެވި ހިދުމަތް އަގުތަކަށް ބަދަލު ނުގެންނަވައި، ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ހިދުމަތް އެ އަގުގައި ދެއްވަމުން ގެންދަވާނެ ކަމުގަ އެވެ،" ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖޭސެޓުން (ކޭބަލް ވިޝަންގެ ނަމުގައި) ދެމުން ދިޔަ 280ރ. ގެ ޕެކޭޖުގެ ހިދުމަތް ހަމަ އެ އަގުގައި ބާއްވައި، އެ ޕެކޭޖުގައި 30 ޗެނަލްގެ ހިދުމަތްދެމުން ގެންދާނެ ކަމަށް، ޖޭ ސެޓުން ބުނެފައިވާ ކަމަށެވެ. އަދި މި އަގަށް އެއްވެސް ބަދަލެއް ނުގެނެސް 2006 ގެ އޮކްޓޯބަރުގެ ނިޔަލަށް ޖޭސެޓްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިން މި ޕެކޭޖުގައި ދެމުންގެންދިޔަ 42 ޗެނަލްގެ ބަދަލުގައި މިހާރު 30 ޗެނަލް ދެމުން ގެންދަނީ، ކުރިން އެ ޕެކޭޖުގައި ހިމަނާފައިވާ ބައެއް ޗެނަލްތައް މިހާރު ޖޭސެޓަށް ލިބެން ނެތުމުން ނުވަތަ ދުރަށް ފޮނުވާފައި ނެތުމުންނެވެ.
ޖޭސެޓުން ކުރިން ކޭބަލް މެދުވެރިކޮށް ދެމުން ގެންދިޔަ ހިދުމަތް ޑިކޯޑަރަށް ބަދަލުކުރުމަށް އެ ފަރާތުން ކުރާ އިތުރު ހޭދައަށް ނަގާ އަގަކީ ނުވަތަ ޑިކޯޑަރަށް ނަގާ އަގަކީ އެ ފަރާތުގެ އަމިއްލަ މައްސަލައެއް ކަމުގައި ވުމާއެކު މިނިސްޓްރީން އެކަމާ މެދު އެއްވެސް އިއުތިރާޒެއް ނުކުރާނެ ކަމަށް ޖޭސެޓަށް އަންގާފައިވާ ކަމަށް ވެސް ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެ އެވެ.
މި ބައްދަލުވުމުގެ ކުރިން އިންފޮމޭޝަނުން ވަނީ މެސްކޯ (ކޭބަލް ނެޓް) އާއި ޖޭސެޓްގެ ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ގޮތާ ބެހޭ ގޮތުން މި މަހުގެ 11 ވަނަ ދުވަހު ނޫސް ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ މެސްކޯ އާއި ޖޭސެޓް އެއްކޮށް، މަލްޓި ސާވިސް އޮޕަރޭޓަ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ކޭބަލް ޓީވީގެ ހިދުމަތް ދެނީ މިނިސްޓްރީގެ ކަމާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީނުކޮށް އެ ގަވާއިދުން ބޭރުގައި ކަމަށާއި އެކަން އިސްލާހު ކުރުމަށް އެ ފަރާތަށް މުއްދަތެއް ދެއްވާފައިވާ ކަމަށެވެ. އަދި އިންފޮމޭޝަން މިނިސްޓްރީގެ އެ ބަޔާނުގައި ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފުވި ނަމަވެސް އެ ކުންފުނިން ދެމުން ގެންދާ ހިދުމަތް ވަގުތުން ހުއްޓާ ލައްވަން ނޭންގެވީ، އެ ހިދުމަތަކީ އާންމުންގެ މައުލޫމާތާއި މުނިފޫހިފިލުވުމާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ. އެހެން ނަމަވެސް، ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނުގައި މި ކުންފުންޏާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އަދި ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ވިދާޅުވާ ކުންފުންޏާ ބެހޭ ގޮތުން ބައްދަލުވުމުގައި ވާހަކަ ވެސް ދައްކާފައިވާ ކަމެއް ބަޔާނަކު ނެތެވެ.
އިންފޮމޭޝަން މިނިސްޓްރީން ކުރިން ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތްތަކުން ނަގާ ހިދުމަތުގެ އަގު އިންފޮމޭޝަން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރާ ގޮތަށް އޮތް ނަމަވެސް، އެކަން އެގޮތަށް ނުކޮށް ކޭބަލް ޓީވީގެ ހިދުމަތުގެ އަގު ފަހުގެ ތާރީހެއްގައި ބޮޑުކޮށްފައިވާ މައްސަލަ ވެސް އެ މިނިސްޓްރީން ބައްލަވަ އެވެ. އެހެން ނަމަވެސް، މި މައްސަލައާ ބެހޭ ގޮތުން ވެސް ބުރާސްފަތި ދުވަހު އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ.
މިކަމާ ބެހޭ ގޮތުން މެސްކޯގެ ފަރާތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ޖޭސެޓްގެ އިސް ބޭފުޅަކާ ގުޅޭ ގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ