ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަރާމް ކަމެއް: ޑރ. ބިލާލް ފިލިޕްސް

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އިންސާނާ މަރަށް ހުށަހަޅައިދޭ ނުރައްކާތެރި އެއްޗަކަށް ވާތީ އިސްލާމީ ޝަރީއާގެ ހުކުމްތަކަށް ބަލާއިރު އެއީ ހަރާމް ކަމެއް ކަމަށް ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް (ޑރ. ބިލާލް) ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްލާމީ އިލްމުވެރިޔާ ޑރ. ބިލާލް، އަލިމަސް ކާނިވަލުގައި ރޭ ބޭއްވި ދީނީ ތަގުރީރުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދުންފަތަކީ ހަރާމް އެއްޗެއް ކަމަށް އިސްލާމީ އިލްމުވެރިން ހުކުމް ނެރުއްވާފައިވަނީ، ދުންފަތުގެ ސަބަބުން އިންސާނާގެ ސިއްހަތަށާއި ފުރާނަ އަށް ލިބޭ ގެއްލުންތައް ޒަމާނީ އިލްމުގެ އެހީގައި ސާބިތުވި ފަހުން ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވެސް، ދުންފަތަކީ މަކްރޫހް އެއްޗެއް ކަމަށް އިސްލާމީ އިލްމުވެރިން ހުކުމްކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ބިލާލް ވިދާޅުވި ގޮތުގައި އިސްލާމީ އިލްމުވެރިން ދުންފަތާ މެދު ވިސްނައި އެއާ މެދު ހުކުމެއް ކަނޑައަޅަންޖެހުނީ، މީލާދީން ސޯޅަ ވަނަ ގަރުނުގެ ތެރޭގައި އުސްމާނީ ދައުލަތުގެ ތެރެއަށް ދުންފަތް ތައާރަފްވެ އެއިގެ ސަބަބުން މުސްލިމުންނަށް ގެއްލުންތަކެއް ލިބޭކަން ސާބިތުވުމުންނެވެ. އެ ގޮތުން އިންސާނީ ކޮންމެ ކަމަކަށް ވެސް އިސްލާމް ދީނުގައި ހުކުމެއް އޮންނަ ފަދައިން މި ކަމަށް ވެސް ހުކުމެއް އޮންނާނެ ކަމަށް އޭރުގެ އިސްލާމީ އިލްވެރިން ގަބޫލުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އިސްލާމް ދީނުގައި ހިމެނޭ ފަސް ހުކުމަކީ ވާޖިބު، މުސްތަހައްބު (ކުރުން އައުލާކަން ބޮޑު)، މުބާހް (ކުރުމާއި ނުކުރުން ހަމަހަމަ)، މަކްރޫހު (ނުކުރުން އައުލާކަން ބޮޑު)، އަދި ހަރާމް ކަމަށް ބިލާލް ވިދާޅުވި އެވެ. އަދި މުސްލިމުންގެ ކޮންމެ އަމަލަކާއި ކޮންމެ ބަހެއް އަދި ކޮންމެ ވިސްނުމެއް ވެސް މިއިން ކޮންމެވެސް އެއް ހުކުމެއްގެ ތެރެއަށް ފެތިގެންދާނެ ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ.
"މި ސަބަބަށްޓަކައި އުސްމާނީ ދައުލަތުގެ އިލްމުވެރިން ދުންފަތާއި އެ އިން ފޯރާ އަސަރާ މެދު ފިކުރު ހިންގުމަށް ފަހު، އެ މީހުން ނިންމެވީ އެއީ މަކްރޫހް ކަމެއްކަމަށް. ނުކުރުން އެދެވިގެންވާ ކަމަށް، އެކަމަކު ކުރިއަސް މައްސަލައެއް ނެތް ކަމަށް."
އޭނާ ވިދާޅުވީ އޭރުގެ އިލްމުވެރިން އެ ކަމަކީ ހުއްދަ ކަމެއް ކަމަށް ކަނޑަނާޅުއްވައި މަކްރޫހަ ކަމެއްކަމަށް ކަނޑައެޅުއްވީ އިސްލާމީ ޝަރީއާ އަށް ރިއާޔަތްކުރައްވަ އެވެ. އެ ގޮތުން ނޭވާ ލާއިރު އަނގައިން ނުބައި ވަސްދުވާ ކަންތައް ނުކުރެއްވުމަށް ކީރިތި ރަސޫލާ ބާރުއަޅުއްވާފައިވާ ކަމަށާއި، ރޯ ލޮނުމެދު ނުވަތަ ރޯ ފިޔާ ކައިގެން ތިބޭ މީހުން މިސްކިތުގެ ޖަމާއަތަށް ހާޒިރުނުވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި ބަސްފުޅުން އެ ކަމަށް ދަލީލު ނެންގެވީ ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ.
ރޯ ލޮނުމެދާއި ރޯ ފިޔާ ކައިގެން ތިބޭ މީހުން ނޭވާލާއިރު އަނގައިން ނުބައި ވަސް ދުވާ ފަދައިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަނގައިން ވެސް ނުބައި ވަސް ދުވާތީ އެއީ މަކްރޫހް ކަމެއްކަމަށް ކުރީގެ އިސްލާމީ އިލްވެރިން ކަނޑައެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އޭގެ ފަހުން، ސިނގިރޭޓުން ކެންސަރުޖެހޭ ކަމާއި ކެންސަރަކީ މަރުބައްޔެއްކަން، 1979 ވަނަ އަހަރު އެމެރިކާގެ ޑޮކްޓަރަކު މުޅި ދުނިޔެ އަށް ސާބިތުކޮށްދިނުމާ އެކު، އިސްލާމީ އިލްމުވެރިން ދުންފަތާ މެދު ދެ ވަނަ ވިސްނުމަކަށް ދިޔަ ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ. އަދި ދުންފަތަކީ ކެންސަރު ޖައްސާ އަދި ކެންސަރުގެ ސަބަބުން ފުރާނަ ގެއްލިގެންދާތީ، ކުރީގެ އިސްލާމީ އިލްމުވެރިން ދުންފަތަކީ މަކްރޫހަ އެއްޗެއް ކަމުގައި ނެރުއްވި ފަތުވާ މުރާޖައާކޮށް، އެއީ ހަރާމް އެއްޗެއް ކަމުގައި ފަހުގެ އިސްލާމީ އިލްމުވެރިން ކަނޑައެޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... މި ކަންކަމަށް ބުރަވެ އަދި އިސްލާމީ ޝަރީއާ އަށް ރިއާޔަތްކުރައްވައި، ހައްދުފަހަނަޅާފައިވާ މީހުންނެއް ނޫން، ފިގްހު އިލްމުވެރިން ވަނީ މަރުވުމަށް މެދުވެރިވާ ތަކެއްޗާ މެދު، އާ ހުކުމެއް ނެރުއްވާފައި. ކެންސަރަކީ މަރުވާ ބައްޔެއް. އެ ހުކުމަކީ އެއީ ]ދުންފަތުގެ އިސްތިއުމާލުކުރުމަކީ[ ހަރާމް ކަމެއް. ވީމާ ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަކްރޫހް ކަމެއްގެ ގޮތުގައި އޮތް ހުކުމް މިހާރުވަނީ ހަރާމްގެ ދަރަޖަ އަށް އުފުލިފައި."
އޭނާ ވިދާޅުވީ މިހެން މިކަން އޮތް ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ މީހުން އެއީ ހަރާމްކަމެއް ކަމަށް ގަބޫލުނުކޮށް އެއީ މަކްރޫހަ ކަމެއްކަމަށް ބުނަމުންދާ ކަމަށެވެ.
"މިއިން އެނގޭ ހަގީގަތަކީ، އިސްލާމް ދީނަކީ ހުރިހާ އެންމެނަށް، ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް ވެސް ކަމުދާ، ނަތީޖާ ނުކުންނަ، ކުރިއަރަމުން އަންނަ، އަދި ބޭނުންތެރި ދީނެއްކަން. ހަގީގަތަކީ މިއީ. އިސްލާމް ދީން ފަހަރެއްގައި ވެސް ފަހަތަކަށް ނުދޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ