ހޫނު ގަދަވި ޖަލްސާއަކަށް ފަހު ސަރުކާރުން ބޭނުންވި ގޮތަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާންމު ޖަލްސާ ރޭ ވަރަށް ބޮޑަށް ހޫނުވެ އަދި ސަރުކާރުން ބޭނުންވި ގޮތަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ.
އެކި ފަހަރު މަތިން ކެންސަލް ކުރަމުން ގޮސް ހަތަރު ވަނަ ނޯޓިސް އަށް ފަހު އެމްޓީޑީސީގެ 2009 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އިމާދުއްދީން ސްކޫލް ހޯލްގައި ރޭ 60 ވަރަކަށް ހިއްސާދާރުންނާ އެކު ބޭއްވުނީ އާންމު ޖަލްސާގައި ވޯޓު ދިނުމާ ގުޅޭ ގޮތުން ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ މެދުގައި އެއްބަސްވުމަކަށް އައުމަށް ފަހު އެވެ. ކުރިން ވެސް ޖަލްސާ ބާއްވަން ހުރަސް އެޅުނީ ޑިރެކްޓަރުން ހޮވުމުގައި ސަރުކާރު ހިއްސާދާރު ވޯޓުގައި ބައިވެރިވުމުގެ މައްސަލައިގަ އެވެ.
ކުންފުނީގެ ޗެއާމަން އިބްރާހިމް ސަލީމް (ކުޑަބަންދޭ) ވޯޓުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ހިއްސާދާރުންގެ ހިޔާލަށް ފުރުސަތު ދިނުމުން، ސަރުކާރު ހިއްސާ ތަމްސީލު ކުރުމަށް ޖަލްސާ އަށް ވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އޭނާ އަކީ ކުންފުނީގެ ހިއްސާގެ 10 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ތަމްސީލުކުރާ ފަރާތަކަށް ވާއިރު، އޭނާ ބޭނުންވަނީ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ހޮވަން ސިއްރު ވޯޓަކަށް ދިއުމަށް ކަމަށެވެ. އަދި ވޯޓު ފޮށިތައް ގެނެސް ވޯޓު ލުމުގެ ފުރުސަތު ހުޅުވައި ނުލައި އުޅެނިކޮށް، އޭނާ ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ހަ ޑިރެކްޓަރުން ހޮވުމަށް ކަރުދާސްތައް ފުރުއްވުމަށް ފަހު ފޮއްޓަށް ވައްޓާލައްވައިފަ އެވެ. އެއާއެކު ޖަލްސާ ވަރަށް ބޮޑަށް ހޫނުވެ، ރިޔާސަތުގައި ތިއްބެވި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ބައެއް ޑިރެކްޓަރުން ސަލީމްގެ މޫނާ ދިމާލަށް އަތް ގެންގޮސް ހަރުކަށިކޮށް ވާހަކަ ދައްކަވާތަން ފެނުނެވެ. އަދި ހޯލުގައި ތިބި އާންމު ހިއްސާދާރުން ވެސް ގޮނޑިތަކުން ތެދުވެ މައިކް ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރި އެވެ. ބައެއް ހިއްސާދާރުން ވޯޓު ކަރުދާސްކޮޅު ވީދާ އުކާލުމަށް ފަހު ހޯލު ދޫކޮށް ނުކުތެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުން ވެސް ވޯޓުގައި ބައިވެރިވެފައެއްނުވެ އެވެ.
އާންމު ހިއްސާދާރުންނާއި އާންމު ހިއްސާދާރުން ހޮވާފައިވާ ޑިރެކްޓަރުންގެ ހިތްހަމަނުޖެހުމަކަށްވީ، އެ ކުންފުނީގެ ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން މީގެ ކުރީ އަހަރުތަކުގައި ވެސް ވޯޓުގައި ބައިވެރިވެފައި ނުވާއިރު މިފަހަރު ވޯޓުގައި ބައިވެރިވުމެވެ. ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތަށް ބަލާއިރު، ސަރުކާރުން ވަކި ޑިރެކްޓަރުންތަކެއް ހޮވުމަށް ވޯޓު ދީފި ނަމަ އާންމު ހިއްސާދާރުން ވޯޓު ދިނުމަކީ މާނައެއް ހުރި އަދި ވޯޓުގެ ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ ކަމަކަށް ނުވެ އެވެ.
އާންމު ޑިރެކްޓަރުން ރޭގައި ތަކުރާރުކޮށް ވިދާޅުވީ އާންމު ޖަލްސާ އަށް އައީ ބޯޑުގެ ބައްދަލުވުމުގައި، އާންމު ހިއްސާދާރުން ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ ފަރާތުން ވޯޓުގައި ބައިވެރިނުވާ ގޮތަށް ގަރާރުވެ އެއްބަސްވެގެން ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެގެން އައިސް ވޯޓުގެ ކަންތައްތައް އެހެން ގޮތަކަށް ކުރިއަށް ގެންދިއުމަށް ޗެއާމަން ފުރުސަތު ދެއްވުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި ބޭއިންސާފެއް ކަމަށް ވެސް ޑިރެކްޓަރުން ވިދާޅުވަމުން ގެންދެވި އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީޑީސީގެ ޑިރެކްޓަރު ކަމަށް އަށް މީހަކު ކުރިމަތިލެއްވި އެވެ. ރޭގައި އެންމެ ގިނަ ވޯޓު ލިބިގެން ކުރިއަށް އޮތް ދައުރަށް ހޮވުނީ، ކުރިން ވެސް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ސައީދު އާއި އަހުމަދު ޝަމްހީދުގެ އިތުރުން މުހައްމަދު އަޒުމަތު، އަހުމަދު ޝަމީމް އަދި އިސްމާއިލް ހަމީދެވެ. ކުރީގެ ޑިރެކްޓަރުންގެ ތެރެއިން، ސަރުކާރުގެ ތާއީދު ނުލިބުމުގެ ސަބަބުން ވޯޓުން ވަކިވާން ޖެހުނީ އިބްރާހިމް ތޯރިގް އާއި އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ޑިރެކްޓަރުންނާ އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ ވެސް އެދެ ޑިރެކްޓަރުންނެވެ.
ވޯޓުގައި ބައިވެރިވި މީހުންގެ އަދަދާއި ޖުމްލަ ވޯޓުގެ އަދަދެއް ރިޔާސަތުން ރޭ އިއުލާނުކޮށްފައެއް ނުވެ އެވެ. އެކަމަކު ޑިރެކްޓަރުންގެ ބޯޑަށް އަލަށް ހޮވުނު ހުރިހާ ފަރާތްތަކަށް ވެސް 19.4 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބުނު ކަމަށް އިއުލާންކުރި އެވެ. ބޯޑަށް ނުހޮވުނު ޑިރެކްޓަރުންނަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރަ އެވެ.
ވޯޓުގެ މައްސަލަ އަށް ފަހު ރިޔާސަތުގައި ތިއްބެވީ ސަރުކާރުގެ ތިން ޑިރެކްޓަރުން އެކަންޏެވެ.
ކުރިން ވެސް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު މިފަހަރު ވެސް ސަރުކާރުގެ ހިއްސާ ތަމްސީލު ކުރުމަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ. އެއީ މުހައްމަދު މިހާދާއި އިސްމާއިލް ޔާސިރު އަދި އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަންކަން ވެސް މިހާރު ކުރައްވާ އަދި އެމްޓީޑީސީގެ ވެސް ޗެއާމަން ސަލީމެވެ. އޭގެ އިތުރަށް ސަރުކާރުން އައްޔަށްކޮށްފައި ވަނީ ހުސެއިން ތައުފީގެވެ.
އެމްޓީޑީސީގެ ޖަލްސާގައި ކުންފުނީގެ ފައިދާ ބެހުމަށް ވޯޓު ނެގުމާ ގުޅޭ ގޮތުން ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވި އެވެ. އެ މައްސަލާގައި ހިޔާލު ތަފާތުވާން ދިމާވީ، ޑިވިޑަންޑް ކަނޑައެޅުމުގައި ހިއްސާދާރުންނަށް ދީފައިވާ އިހުތިޔާރު ކުޑަވުމާއި ޗެއާމަން ސަލީމް އެ މައްސަލާގައި ދެ ފަހަރު ދެ ގޮތަށް ވާހަކަ ދެއްކެވުމުގެ ސަބަބުންނެވެ.
އެމްޓީޑީސީން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ އިން ހިއްސާއަކަށް 20ރ. މިދިޔަ އަހަރު ބަހާފައިވެ އެވެ. މިފަހަރު ޑިރެކްޓަރުންގެ ބޯޑުން ބަހަން ހުށަހެޅީ މިދިޔަ އަހަރުގެ ފައިދާ އިން ފަހު ހަ މަސް ދުވަހަށް، ހިއްސާއަކަށް ފަސް ރުފިޔާ ބެހުމަށެވެ. ބައެއް ހިއްސާދާރުން ވަނީ މި އަހަރު ޑިވިޑަންޑް ނުދިނުމަށާއި އަދި ޑިވިޑަންޑްގެ ގޮތުގައި 10ރ. އާއި 20ރ. ބެހުމަށް ވެސް ހުށަހަޅައިފަ އެވެ.
ސަލީމް ފުރަތަމަ ވިދާޅުވީ ހިއްސާދާރުން އެދޭ ގޮތްތަކަށް ވޯޓަށް އައްސަވާނެ ކަމަށެވެ. ގާނޫނީ ވަކީލުގެ ލަފާ ހޯއްދެވުމަށް ފަހު ފަހުން ވިދާޅުވީ ވޯޓަށް އައްސަވާނީ ހަމައެކަނި ޑިރެކްޓަރުން ހުށަހަޅާ ގޮތަށް ކަމަށެވެ. އެއީ ފަސް ރުފިޔާ ބަހަށް ފެނޭތޯ ނުވަތަ ނުފެނޭތޯ އެވެ. އެގޮތަށް ދެ ފަހަރު މަތިން ވޯޓަށް ހުށަހަޅައިގެން ލިބުނީ ހަ ޕަސެންޓް ވޯޓެވެ. އެހެންކަމުން ފަސް ރުފިޔާގެ ޑިވިޑަންޑްއެއް ބެހުމަށް ވަނީ ފާސް ނުވެފަ އެވެ. ސަލީމް ވިދާޅުވީ ހިއްސާދާރުން ހުށަހެޅި އެހެން ގޮތްތައް ޑިރެކްޓަރުންގެ ބޯޑަށް ގެންދަވާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އައްޑު އަތޮޅު ހެރަތެރައިން ކުންފުންޏަށް އެތައް މިލިއަން ރުފިޔާ ގެއްލުންވުމުން އެ މައްސަލަ ވެސް ހިއްސާދާރުން ވަރަށް ބޮޑަށް ފާހަގަކޮށް، ޑިރެކްޓަރުންނަށް ކުންފުނި ނުހިންގޭ ކަމަށް ބުންޏެވެ. ސަލީމް ރޭގައި ވަނީ އެއީ ކުންފުނީގެ ވަކި ޑިރެކްޓަރުންތަކެއްގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް ހިއްސާދާރުންނަށް ސިފަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.
ޖަލްސާގައި ވަރަށް ގިނަ ހިއްސާދާރުން ވަނީ ޗެއާމަން ސަލީމްގެ ނާގާބިލުކަން ފާހަގަކޮށް ޖަލްސާ ކުރިއަށް ގެންދެނީ ވަރަށް ހުދުމުހުތާރު ގޮތަކަށް ކަމަށް ވެސް ބުނެފަ އެވެ. އަދި އެމްޓީޑީސީގައި ހިއްސާދާރުން އުންމީދުކުރާ ފަދަ ހިންގުންތެރިކަމެއް ނެތް ކަމަށާއި އުންމީދުކުރިވަރުގެ ފައިދާއެއް ހިއްސާދާރުންނަށް ލިބެމުންނުދާކަން ވެސް އާންމު ހިއްސާދާރުން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ