މުލަކުގައި ބޭއްވި އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު ސްކޫލުން ހޯދައިފި

މ. މުލަކު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އެރަށުގައި ހުރި މުއައްސަސާތަކުގެ މެދުގައި ބޭއްވި މުއައްސަސާތަކުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު ސްކޫލުން ހޯދައިފި އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން މުލަކު ސްކޫލުން ހޯދާފައިވަނީ ފައިނަލް މެޗުގައި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓްތައް މުލަކު ސްކޫލުން ކާމިޔާބުކޮށްފައިވަނީ 25-22، 25-17 އަދި 25-23 ންނެވެ. މިމެޗުގައި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމުން ކާމިޔާބުކުރި ސެޓް އެޓީމުން ކާމިޔާބުކޮށްފައިވަނީ 25-18 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މުލަކު ސްކޫލުގެ ނާހިދާ މުޙައްމަދު އެވެ.
މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުލަކު ސްކޫލުގެ ނާހިދާ މުޙައްމަދު އާއި އެޓީމުގެ ސަކަމޫތޯ ކަޒުއި އާއި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމުގެ ޝާމިލާ ހުސައިން އާއި އެޓީމުގެ އިނާޝާ ޢަބްދުﷲ އާއި މުލަކު ސިއްޙީ މަރުކަޒުގެ މަރިޔަމް ވަހިދާ އާއި އެޓީމުގެ ޖަވާޒާ މުޙައްމަދުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މުލަކު ސްކޫލު ޓީމުގެ ކޯޗު މުޖުތަބާ މުޙައްމަދު ހޮވުނުއިރު އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވިފައިވަނީ މުލަކު ސްކޫލު ޓީމުގެ މެނޭޖަރ މުހައްމަދު ލަތީފްއެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް މުލަކު ސިއްޙީ މަރުކަޒު ހޮވުނުއިރު މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ފާތިމަތު ނާސިރާއެވެ. އަދި 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް މުލަކު ސިއްޙީ މަރުކަޒުގެ ޖަވާޒާ މުޙައްމަދު ހޮވުނުއިރު ކުއީން އޮފް ދަ ޓޯނަމަންޓުގެ މަގާމަށް ހޮވިފައިވަނީ މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ޓީމުގެ ޝާމިލާ ހުސައިންއެވެ.
މިމުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ