ޑަބްލިއުއެޗްއޯގެ އެމްބަސެޑަރަކަށް މުގާބޭ، އެތައް ބައެއްގެ ފާޑުކިޔުން

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 21) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބަސެޑަރަކަށް ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ހަމަޖެއްސުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
ބައެއް ޖަމާއަތްތަކާއި އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ ޒިމްބާބުވޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި މުގާބޭގެ ޚުދުމުޚްތާރު ކަމަށް ބަލާ އިރު އެފަދަ މަގާމެއް ޑަބްލިއުއެޗްއޯ އިން އޭނާ އަށް ދިނުމަކީ ލަތުވެތި ކަމެއް ކަމަށެވެ. އަދި އެއީ ޑަބްލިއުއެޗްއޯގެ މަސައްކަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ޑަބްލިއުއެޗްއޯގެ ވެރިން ވަނީ ޒިމްބާބުވޭ އިން އާއްމު ސިއްހަތަށް ދޭ ސަމާލު ކަމަށް ތައުރީފް ކޮށްފަ އެވެ.
އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ކަންބޮޑުވުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުމުރުން 93 އަހަރުގެ މުގާބޭ އަށް އެގްޒެކެޓިވް ރޯލެއް ނެތް ނަމަވެސް ގައިން ގަޔަށް ނާރާ ބަލިތަކުގެ އެމްބަސެޑަރަކަށް އޭނާ ހަމަޖެއްސުމަކީ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔޭގައި ކުރާ މަސައްކަތަށް ނުރަނގަޅު ތަސައްވަރެއް ލިބޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ޒިމްބާބުވޭގެ ސިއްހީ ނިޒާމު ރަނގަޅު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނި ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އެ ގައުމުގެ ސިއްހީ ނިޒާމް ފޭލްވެ ސްޓާފުންނަށް މުސާރަ ވެސް ނުދޭ ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗު (އެޗްއާރުޑަބްލިއު) އިން ބުނީ ޒިމްބާބުވޭގެ އިގްތިސާދު ހީނަރުވެ ސިއްހީ ނިޒާމް ފޭލްވެފައިވާ އިރު މުގާބޭ އަށް އެމްބަސެޑަރުކަން ދިނުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ޑަބްލިއުއެޗްއޯ ނިންމުމަށް ޒިމްބާބުވޭގެ އެންމެ ބޮޑ އިދިކޮޅު ޕާޓީ އެމްޑީސީ އިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. ޑަބްލިއުއެޗްއޯގެ ނިންމުމަށް ފާޑުކީ އެހެން ޖަމާއަތްތަކުގެ ތެރޭގައި ވެލްކަމް ޓްރަސްޓް، އެންސީޑީ އެލަޔަންސް، ޔޫއެން ވޮޗް، ވޯލްޑް ހާޓް ފައުންޑޭޝަން އަދި އެކްޝަން އެގެއިންސްޓް ސްމޯކިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ