މި ސަރުކާރުން ފްލެޓުތަކުގެ އަދަދު މަދުކުރުމަކީ ރައީސް ޔާމީން ޒިންމާވާން ޖެހޭނެ ކަމެއް ނޫން: މުއިއްޒު

މި ސަރުކާރުން "ހިޔާ މަޝްރޫއު"ގެ ފްލެޓްތަކުގެ އަދަދު މަދުކުރުމަކީ ކުރީގެ ރައީސް އިބްދުﷲ ޔާމީން ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމައިފައި ވީނަމަވެސް އެތަނުގައި ހުރީ ޖުމްލަ 6،860 ފްލެޓްކަމަށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ދެއްކެވި ވާަހަކައަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން "ސަން" އޮންލައިންނަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ 7000 ހައުސިން ޔުނިޓުގެ ތެރެއިން، ގްރައުންޑް ފްލޯގައި ފިހާރަތަކެއް ހަދަން ނިންމީ މި ސަރުކާރުން ކަމަށާއި، އެކަމަކީ ރައީސް ޔާމީންގެ ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީ ސަރުކާރުން 7000 ފްލެޓު ކަމަށް ބުނީ އެތަނުގައި އެ ތަނުގައި އެ އަދަދަށް ފްލެޓު ހުރުމުން ކަމަށެވެ.
"ހަތް ހާސް ފްލެޓެކޭ އަޅުގަނޑުމެން ދެންނެވީ ހަމަ 7000 ފްލެޓް ހުރީމަ. އެބޭފުޅުން ވެރިކަމަށް ވަޑައިގެން އެއަށް ބަދަލެއް ގެނައުމަކީ އަޅުގަނޑުމެން ޒިންމާވާންޖެހޭ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން 7000 ފްލެޓަށް ލިޔުން ހަވާލުކޮށްފައި ވާނީ ވެސް 7000 މީހުންނަށް ކަމަށާއި ގެޒެޓްކޮށްފައި ވަނީ ވެސް ފްލެޓް ލިބުނު މީހުންގެ ލިސްޓު ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ މިކަން. މިއީ އޮޅުވާލެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
ޗައިނާގެ ލޯނު އެހީގައި، އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ.
ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ހުޅުވާލުމުން 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. ކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ