ޔާމީން ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ނަޝީދު ވިދާޅުވި މައްސަަލަ ބަލަން އެދި ޖޭއެސްސީއަށް ހުށަހަޅައިފި

މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އެކަނި ހައްޔަރުގައި އިންނެވުމަކީ އިންސާފެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވައި އެމްޑީޕީގެ މެންބަރުން ތިއްބަވާ ގުރޫޕަކަށް ފޮނުއްވި ކުރު ނޯޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވިއިރު، އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ މެންބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ނަޝީދު އެގޮތަށް ވިދާޅުވެފައިވުމަކީ ރާއްޖޭގެ ޖުޑީޝަރީ އާއި ތަހުގީގީ އިދާރާތަކުގެ ކަރާމާތް ގެއްލިގެންދާނެ އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގުމަކީ ކޮމިޝަންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމެއް ވެސް ބުނެފައިވެއެވެ.
އެހެންކަމުން ޖޭއެސްސީގެ މެންބަރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު ވެފައިވާތީ ނަޝީދާ މެދު ފިޔަވަޅު އެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށާއި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް އެ ސިޓީގައިވެއެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ ސިޓީއެއް އިއްޔެ ހަވީރު އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީއަށް މަތިކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ކަމަށްވާތީ އާއި ޖޭއެސްސީގައި އެކި ހައިސިއްޔަތުން މެންބަރުން ތިއްބަވާތީ އެ ސިޓީއާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަޝީދުގެ މައްސަލަ ބަލައިދޭން ޖޭއެސްސީއަށް ހުށަހެޅިއިރު، އެމަނިކުފާނަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރެކެވެ. އެހެންކަމުން އެމަނިކުފާނު ޖޭއެސްސީގެ މެންބަރުކަމުން ވަކިވާނީ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކޮށްފިނަމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ