ޗައިނާއިން ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ބަދަލު ގެންނަނީ

ބެއިޖިން (މާޗް 5): ޗައިނާއިން ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ބަދަލު ގެންނާނެ ކަމަށް އެގައުމުގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގައި އިއުލާންކޮށްފި އެވެ. ޗައިނާގެ އެކި ސަރަހައްދުތައް ތަމްސީލުކޮށްދޭ 3،000 ޑެލިގޭޓުން ހިމެނޭ އެގައުމުގެ އެންމެ ބާރުގަދަ އިދާރާ ކަމަށްވާ އެންޕީސީގެ ބައްދަލުވުން ފެށުނީ މިއަދު އެވެ. އަދި ހަފްތާއަކަށް ދެމިގެންދާ އެ ބައްދަލުވުމުގައި، ހޮންކޮންގްގައި އިސްކޮށް ތިބެނީ "ގައުމު ދެކެ ލޯބިވާ" މީހުންކަން ޔަގީން ކުރެވޭނެ ފަދަ ބަދަލުތަކެއް އެ ސަރަހައްދުގެ އިންތިހާބީ ނިޒާމަށް ގެންނާނެ ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވި އެވެ. އެންޕީސީގެ ވައިސް ޗެއާމަން ވަންގް ޗެން ވިދާޅުވި ގޮތުގައި އެ ކޮންގްރެސްއިން ނިންމާނެ ކަންތައްތަކުގެ ތެރޭގައި، ހޮންކޮންގްގެ ލީޑަރު ހޮވާ އިލެކްޓޯރަލް ކޮމިޓީ އެކުލަވާލާ ގޮތް ބަދަލު ކުރުން ހިމެނެ އެވެ. އަދި އެ ސަރަހައްދުގެ ގާނޫނު ހަދާ ލެޖިސްލޭޓިވް ކައުންސިލްގައި ތިއްބަވާ މެމްބަރުންގެ އަދަދު އިތުރުކޮށް، އެ މެމްބަރުން އައްޔަން ކުރުމުގެ ބާރު އިލެކްޓޯރަލް ކޮމިޓީއަށް ދޭނެ އެވެ. އޭގެ ސަބަބުން އެ މަޖިލީހުގައި ތިއްބަވާ، ސީދާ ހޮންކޮންގްގެ ރައްޔިތުން އިންތިހާބު ކުރާ މެމްބަރުންގެ އަދަދު މަދުވާނެ އެވެ. މީގެ އިތުރުން އިލެކްޓޯރަލް ކޮމިޓީގައި ހޮންކޮންގްގެ ޑިސްޓްރިކްޓު ކައުންސިލަރުން ނުހިމަނަން ނިންމާ، ލެޖިސްލޭޓިވް ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސް ކުރަންވެސް އެންޕީސީން ނިންމާނެ ކަމަށް ހޮންކޮންގްގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. ހޮންކޮންގްގެ ޑިސްޓްރިކްޓު ކައުންސިލްތަކަކީ އެ ސިޓީގައި މުޅިންވެސް ރައްޔިތުންގެ އިހުތިޔާރަށް ދޫކޮށްލާފައިވާ ހަމައެކަނި އިދާރާ އެވެ. އަދި 2019 ވަނަ އަހަރުގެ ޑިސްޓްރިކްޓު ކައުންސިލް އިންތިހާބުގައި ޑިމޮކްރަސީއަށް ތާއިދު ކުރާ މެމްބަރުން 90 ޕަސެންޓު ގޮނޑި ކާމިޔާބު ކުރި އެވެ. އެއީ ހޮންކޮންގްގެ ސަރުކާރުން އެކުލަވާލި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރިއަށް ދަނިކޮށެވެ. ހޮންކޮންގްގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތު ދޭނެ އެ ބިލާ ދެކޮޅަށް އޮގަސްޓު 2019އިން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ހެދި އެ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން އެ ބިލް އަނބުރާ ގެންދިޔަ އެވެ. މީގެ ކުރިން 150 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް، 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ޗައިނާއިން ދަނީ އެ މިނިވަންކަން ނިގުޅައިގަންނަމުން ކަމަށް ހޮންކޮންގްގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ