"ނައުއެމްވީ" މެދުވެރިކޮށް ދިރާގުން ރޯދަމަހަށް ޚާއްސަ ފީޗަރތަކެއް

ދިރާގުން ރަމަޟާންމަހަށް ހާއްސަ ފީޗަރތަކެއް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ އެކުންފުނީގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" މެދުވެރިކޮށް މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭގޮތަށް އައު ފީޗަރތަކެއް އިތުރު ކޮށްފައިވާ ކަމަށެވެ.
މި އެޕްލިކޭޝަންގެ ޚާއްސަކަން ފާހަގަކޮށް ދިރާގުން ބުނީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.
މި އެޕްލިކޭޝަންގައި ރޯދަމަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ޚާއްސަ ފީޗަރސްތަކެއް އެކުލަވާލާފައި ވާނެކަމަށްވެސް ދިރާގުން ބުނެއެވެ.
މީގެތެރޭގައި ނައުއެޕް މެދުވެރިކޮށް ކީރިތި ޤުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެ ކަމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް އިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށްފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މަޢުލޫމާތުތައްވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
އަދި އެ ދުވަހެއްގެ މައުޟޫއާއި، ދަރުސް ބާއްވާ މިސްކިތަކުގެ އިތުރުން ދަރުސްދެއްވާ ބޭފުޅުންގެ މައުލޫމާތުވެސް ހިމެނޭނެ ކަމަށާޢި ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި ދީނީ މަޢުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ހިމަނާފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.
މީގެއިތުރުން ދިރާގުން ބުނީ ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.
ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރުކޮށް ޒަކާތާއި އެކީ ޞަދަޤާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް އެކުލަވާލާފައިވާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި އެޕްގައި ރޯދަ މަހަށް ޚާއްސަ އެހެނިހެން ފީޗަރތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައްވެސް ހިމެނޭ ކަމަށާއި، ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީތަކާއި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުމުގައި މެނޫތައްވެސް ނައުއެޕްގައި ހިމެނޭކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ދިރާގު ކަސްޓަމަރުންނަށް ބޭނުންވާ މުހިންމު ފީޗަރތައް ނައު އެޕްގައި ހިމަނާ، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ