އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ބެލުމަށް ކަމާބެހޭ އިދާރާތަކުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ފޮނުއްވި ސިޓީއާ ގުޅިގެން ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕޮލިހުގައި އެ މައްސަލައިގެ ތަހުގީގުގެ ތަފްސީލު ހޯދުމަށް އެދިވަޑައިގެންފަ އެވެ.
މާޗު 21، 2021 ގައި ހަސަން ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މީހުންގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވައި އެ ތަހުގީގުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބުތައް ދެނެގަތުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިދިނުމަށެވެ.
ޖަވާބުގައި، މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޖެހިގެން އައި ދުވަހު އެ ސިޓީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ. އެ މައުލޫމާތަކީ، 241 ކޮމިޓީން ކުރީގައި ކުރި މަސައްކަތަކާ ގުޅިގެން ހޯދަން ބޭނުންވާ މައުލޫމާތުކަމަށް ފާހަގަކުރެވިފައިވާތީ، އެ މައުލޫމާތު ހޯދުން އައުލާކަން ބޮޑުވާނީ އެ ކޮމިޓީން ކަމަށް ޖަވާބުދީފައިވާ ކަމަށް ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކީ ހިތަދޫ އުތުރު ދާއިރާގެ މެމްމަރު މުހައްމަދު އަސްލަމެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައްޔިތުން ކެތްމަދުވެފައިވާކަން ސާފުވާ ކަމަށެވެ. އެ މައްސަލަތަކުގެ ހުރިނެތް ހިސާބެއް ބެލުމަކީ މަޖިލީހުގެ ވާޖިބެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެދިއްޖައިން ޕްރޮސެކިއުޓާ ޖެނެރަލް އަރިހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ރާއްޖޭގެ ފުލުހުންގެ ކިބައިން، ހެންވޭރު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރު އެ އެދިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށްދިނުމަށް.. އަޅުގަނޑު ގަސްތުކުރަނީ އެ ސާފުވީމަ ނުވަތަ އެ ޖަވާބުތައް ލިބުނީމަ އެ ސިޓީތައް މަޖިލީހަށް ތޔަ ބޭފުޅުންނަށް ފޮނުވަން. އެއީ އަޅުގަނޑު މި ދަންނަވާހެން ރާއްޖޭގެ ރައްޔިތުން ކެތްމަދުވާކަން އަޅުގަނޑަށް ސާފުވޭ. ތަކުރާރުކޮށް އަޅުގަނޑަށް ސުވާލުކުރޭ މި މައްސަލަތައް ހުރިނެތް ހިސާބެއް. އެހެންވީމަ، މި މައްސަލަތަކުގެ ހުރިނެތް ހިސާބެއް ބެލުމަކީ މަޖިލީހުގެ ވާޖިބެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވެގެން ދާއިރު ވެސް އެއިން އެއްވެސް ބޭފުޅަކަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އޮތް ހިސާބެއް ބަލަން ނަޝީދު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ