ޔޫރަޕްގެ އިއްތިޙާދުން އުތުރު ކޮރެޔާއަށް ދިހަ މިލިޔަން ޔޫރޯގެ ކާބޯތަކެތީގެ އެހީ ދެނީ

ބްރަސަލްސް : ދިހަ މިލިޔަން ޔޫރޯގެ ކާބޯތަކެތީގެ އެހީއެއް އުތުރު ކޮރެޔާއަށް ދޭނެކަން ޔޫރަޕްގެ އިއްތިޙާދުން ހާމަކޮށްފިއެވެ.
ޔޫރަޕްގެ އިއްތިޙާދުގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ވެރިޔާ ކްރިސްޓާލީނާ ޖޯރޖީވާ ވިދާޅުވީ އުތުރުކޮރެޔާގެ ރައްޔިތުންގެ ތެރެއިން މިލިޔަނެއްހާ މީހުން ހަިއހޫނުކަން ތަޙައްމަލް ކުރަމުން ގެންދާތީ އެޤައުމަށް ކާބޯތަކެތީގެ އެހީއެއް ދިނުމަށް އެއިއްތިޙާދުން ނިންމާފައިވާ ކަމުގައެވެ.
ދިހަ މިލިޔަން ޔޫރޯގެ ކާބޯތަކެތީން އުތުރުކޮރެޔާގެ ހާލުގައި ޖެހިފައިވާ އެއްމިލިޔަން މީހުންގެ ތެރެއިން ހަ ލައްކަ ފަންސާސްހާސް މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޖޯރޖީވާ ވިދާޅުވިއެވެ. މިއެހީ ދެނީ ހައިހޫނުކަން ތަޙައްމަލްކުރާ ކުޑަކުދިންނާއި މާބަނޑުމީހުންނާއި ނުކުޅެދޭ މީހުންނަށް އިސްކަންދިނުން ޝަރުތުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުތުރުކޮރެޔާއަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއެކު ދަނޑުތައް ހަލާކުވުމުގެ ސަބަބުން އެޤައުމުގެ ހަމިލިޔަން މީހުން ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ އިރު މީގެތެރެއިން އެއް މިލިޔަން މީހުން ހައިހޫނުކަން ތަޙައްމަލް ކުރަމުން ގެންދާ ކަމަށް އދ. ގެ ރިޕޯޓެއް ބުނެއެވެ.
އދ. ގެ އިލްތިމާސްތަކާ ގުޅިގެން ދެކުނު ކޮރެޔާއިންވެސްވަނީ އުތުރު ކޮރެޔާއަށް ކާބޯތަކެތީގެ އެހީއެއް ވެދޭނެކަން ހާމަކޮށްފައެވެ. ނަމަވެސް އުތުރުކޮރެޔާއަށް ކާބޯތަކެތީގެ އެހީ ދިނުމާބެހޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ޖަޕާނާއި އެމެރިކާއިން ބުނެއެވެ. -- ރޮއިޓާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ