ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނީ ހަމައެކަނި އެމްޑީޕީ އަށް: ނަޝީދު

ޓެކްސްގެ ނިޒާމެއް ރާއްޖެ އަށް ގެނެސްދެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަން ވެސް އަދި ވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަކީ ވެސް އެމްޑީޕީ އަށް ވާނެ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ޓެކްސް އެއް ނެގޭނީ ވެސް އެމްޑީޕީ އަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި ރާއްޖޭގައި ސަރުކާރު ހިނގައިފި ކިތަންމެއް ދުވަހަކު. ބަޖެޓު ހުރީ ހަތް ބިލިއަނުގައި. އާމްދަނީއެއް ނުހޯދޭ. ޓެކްސްގެ ނިޒާމެއް މި ރާއްޖެ އަށް ގެނެސްދެވޭނީ ހަމައެކަނި މި ޕާޓީއަށް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފްކޮށް، 60،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ މިހުން އަތުން އެ ޓެކްސް ނެގުމަށް ބިލެއް ކުރިއަށް އޮތް 19 ވަނަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ދާދިފަހުން ވަނީ ނިންމާފައެވެ. އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ވެސް މެއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އިންތިޒާމު ވެގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް ކަމަށާއި އެމްޑީޕީން މަޖިލީހަށް ދާނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ނެތް، އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޝަރީއަތެއް ނުހިނގާ މި ޕާޓީގެ މަސްލަތު ހިމެނޭ ގޮތަކަށް އެއްވެސް ކޯޓެއްގައެއް. މި ޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް. އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިނގާ ސިޔާސީ ޕާޓީއެއް" ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވިއިރު، މި ޖަލްސާގައި ވެސް ނަޝީދު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ