އައްޑޫ މަސްވެރިންނަށް ފައިސާ އާއި ތެލެއް ނުލިބޭ!

މަސް ކިރުވައިގެން ލިބެންޖެހޭ ފައިސާ އާއި ތެޔޮ ނުލިބޭ ކަމުގެ ޝަކުވާ އައްޑޫ މަސްވެރިން ކުރަން ފަށައިފިއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި އައްޑޫ ކެޔޮޅަކު ބުނީ ފާއިތު ދެ ހަފްތާގައި ކިރުވި މަހަށް ފައިސާ ނުލިބޭކަމަށެވެ. އަދި ބޯޓުން ޑީސަލް ނުލިބޭކަމަށްވެސް އޭނާ ބުންޏެވެ.
ކެޔޮޅު ބުނީ މިވަގުތު އައްޑޫ ބަނދަރުގައި އޮތް ކަލަމިންޖާ ބޯޓުން މަސް ކިރުވުމަށް ފަހު ފައިސާ ނުލިބޭތީ މަސްވެރިން ތިބީ ހާލުގައި ކަމަަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ބޭނުންކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން ބައެއް ދޯނިތަކަށް މިލިއަނުން ފައިސާ ނުލިބިވާކަމަށެވެ.
އައްޑޫ މަސްވެރިންނަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ ކުރަމުން އަންނަ އިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ މަސްވެރިންނަށް ފައިސާ ނުލިބި ނުވާނެ ކަމަށް ފިޝަރީސް މިނިސްޓަރ ޒަހާ ވަހީދުވަނީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.
ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ނުލިބިވާ އެތައް މިލިއަން ރުފިޔާގެ ފައިސާ ދީފައިވާ ކަމަށެވެ. އަދި މިހާރު މަސްވެރިންގެ އެޝަކުވާ ނޯންނާނެކަމަށެވެ.
މިދުވަސްކޮޅަކީ ދެކުނުގެ މަސްވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާ ދުވަސްކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ