ޑޯން-3 ވާނީ މި ސީރީޒްގެ ފަހު ފިލްމަށްބާ؟

އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލު އަދާކުރާ ޑޯން ފިލްމު ސީރީޒްގެ ކުރިއަށް ދެން އޮތީ އެންމެފަހު ފިލްމު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރަމުން އެބަދެ އެވެ.
މިއީ 2006 ވަނަ އަހަރު ޑޯން: ދަ ޗޭސް ބިގިންސް އެގެއިން އާއެކު، ފެށި ސީރީޒް އެކެވެ.
މިފިލްމު ހެދީ 1978 ވަނަ އަހަރު އަމިތާބް ބައްޗަން ކުޅެފައިވާ ޑޯން ފިލްމުގެ ރީމޭކެއްގެ ގޮތުގަ އެވެ.
380 މިލިއަން ރުޕީސްގެ ބަޖެޓަކުން ހެދި ޑޯން: ދަ ޗޭސް ބިގިންސް އަށް ބޮކްސް އޮފީހުގައި 1.06 ބިލިއަން ރުޕީސް ވަނީ ލިބިފަ އެވެ. މި ކާމިޔާބަށްފަހު 760 މިލިއަން ޑޮލަރުގެ ބަޖެޓަކުން ދެވަނަ ފިލްމު ހަދާ ނެރުނީ 2011 ވަނަ އަހަރު އެވެ.
ޑޯން: ދަ ކިންގް އިޒް ބެކްގެ ނަމުގައި ނެރުނު މި ފިލްމަށް ބޮކްސްއޮފީހުގައި 2.09 ބިލިއަން ރުޕީސް ލިބިގެން ދިޔަ އެވެ.
މި އަހަރު މެދުތެރޭ 3 ވަނަ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓް ކުރަމުންދާއިރު މި ފިލްމުވެސް ޑައިރެކްޓް ކުރާނީ ކުރީގެ ދެ ފިލްމުވެސް ޑައިރެކްޓްކުރި ފަރްހާން އަޚްތަރެވެ. އަދި މި ފަހަރުގެ ފިލްމުގައި ފުލުހެއްގެ ރޯލުން ފަރްހާން ފެނިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
މިއަދު އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރަމުން ދަނީ 3 ވަނަ ފިލްމުގެ ނަމަކީ ޑޯން: ދަ ފައިނަލް ޗެޕްޓަރ ކަމަށާއި މިއީ މި ސީރީޒްގެ އެންމެ ފަހު ފިލްމު ކަމަށެވެ.
މިކަމާ ގުޅިގެން ޑައިރެކްޓަރު ފަރްހާން އަޚްތަރް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެހެންނަމަވެސް ފަރްހާން މި މަހު ބޮޑު އެނައުންސްމެންޓެއް ކުރާނެ ކަމަށް ދަނީ ބުނަމުންނެވެ. އެހެންކަމުން ގިނަ ބަޔަކު ލަފާކޮށްގެން ތިބީ އެ އެނައުންސްމެންޓަކީ ޑޯން-3 ގެ މަސައްކަތް ފަށާ ވާހަކައަށް ވާނެ ކަމަށެވެ.
ކުރީގެ ދެ ފިލްމުގައިވެސް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ފުލުހެއްގެ ރޯލުން ފެނިގެންދިޔައެވެ. އެހެންނަމަވެސް މި ފަހަރުގެ ފިލްމުން ޕްރިޔަންކާ ނުފެންނާނެ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ޝާހުއާއި ޕްރިޔަންކާ ޑޯން-2 އަށް ފަހު އެކީގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. ޑޯން 2ގެ ޝޫޓިން ތެރެއިން މި ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދި، ރައްޓެހިވެގެން އުޅުނު ކަމަށް ކުރިން މީޑިއާ އިން ހަބަރު ފަތުރާފައިވެ އެވެ. އަދި ފަހުން މީޑިއާތަކުން އެ ވާހަކަ ރިޕޯޓް ކުރުމުން ޝާހު އެ ގުޅުން ނިންމާލީ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ދެމީހުން އުޅުނީ ރައްޓެހިވެގެން ކަމަށް ޝާހްރުކް އެއްބަސްވެފައި ނުވިއެއް ކަމަކު އެރިޕޯޓްތަކަކީ ތެދުކަމަށް ދޭހަވާހެން ޕްރިޔަންކާ ވަނީ އޭރުވެސް އަދި ފަހުންވެސް ވާހަކަ ދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ