ވެލާނާ އެއާޕޯޓު ހަލާކުކޮށްލީތީވެ ރާއްޖޭގެ ތަރައްގީ ހުއްޓައެއް ނުލެވޭނެ، އެހެން އެއާޕޯޓުތައް ހޯދަން ޖެހޭ: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަލާކުކޮށްލީތީވެ ރާއްޖޭގެ ތަރައްގީ ހުއްޓައެއް ނުލެވޭނެ ކަމަށާއި ތަރައްގީ ހޯދުމަށް އެހެން އެއާޕޯޓުތައް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިލިނގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ގަން އެއާޕޯޓު ބޭނުންކޮށްގެން މާދަމާ ވެސް މި ބޭނުންވާ ބަދަލު ހޯދެން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ތަރައްގީ ހުއްޓައެއް ނުލެވޭނެ އެއާޕޯޓު ހަލާކުކޮށްލީތީވެ. އެހެން އެއާޕޯޓުތައް އަޅުގަނޑުމެން ހޯދާން ޖެހޭނެ. އެ އެއާޕޯޓުތައް މެދުވެރިކޮށްގެން ތަރައްގީގެ މިސްރާބު ބަދަލުވާން ޖެހޭ. ތަރައްގީގެ ހިސާބު، ސަރަހައްދު ވެސް ބަދަލުވާން ޖެހޭ. ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ގަން އެއާޕޯޓު ބޭނުންކޮށްގެން މާދަމާ ވެސް އަޅުގަނޑުމެން މި ބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދެން އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޓުއަރިޒަމްގެ ވިޔަފާރި މީހުން ދިރިއުޅޭ ރަށްރަށުގައި މާ ބޮޑަށް ކާމިޔާބުވެއްޖެ ކަމަށާއި އެ ވިޔަފާރި ހުވަދު އަތޮޅުގައި ވެސް ކާމިޔާބުކަމާއެކީގައި ހިންގޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
"ގަމުގައި އެއޮތް އެއާޕޯޓަށް ބޭރުން ޖައްސާ މަތިންދާބޯޓު ގިނަކުރާން ޖެހޭ. އެ އެއާޕޯޓު ބޭނުންކޮށްގެން މުލަކާއި އަދި ހުވަދޫގެ ހުރިހާ ރަށަކަށް ވެސް ގެސްޓުން ގެނެވޭނެ. އަގުހެޔޮކޮށް ގެސްޓުން ގެނެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކިތަންމެ ރިސޯޓެއް އެޅިޔަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މީހުން ގެނެވޭކަށް ނެތް ކަމަށާއި ކުރިއަށް އޮތް ތިން ހަތަރު އަހަރަށް އެ އެއާޕޯޓު އެވަނީ ބެދިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ