މާލެއަށް އިތުރަށް ތޮއްޖެއްސުމަކީ ތަރައްގީގެ މިސްރާބަކަށް ވެގެން ނުވާނެ: ނަޝީދު

މާލެއަށް އިތުރަށް ތޮއްޖެއްސުމަކީ ތަރައްގީގެ މިސްރާބަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން މުނައްވަރުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވިގޮތުގައި މާލޭގައި ރައްޔިތުން ދިރިއުޅެމުން ގެންދަނީ އެހެން ގައުމުތަކުގައި ކުކުޅު ހާ ގެންގުޅުން މަނާ މިންވަރެއްގެ ބިންކޮޅުތަކެއްގައެވެ. އަދި މާލޭގެ އެންމެ ބޮޑު ބޭނުމަކީ ބޯހިޔާވަހިކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭނެ ކަމަށް ދެކޭ ރައްޔިތުން މަދުވާނެ ކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވެށިފަހި މާލޭގެ ޕްރޮގްރާމްގެ ދަށުން ތިލަފުއްޓާއި ގުޅީފަޅާއި ވިލިނގިއްޔާއި މާލެ އަދި ހުޅުމާލެ ގުޅައިލުމުން މާލޭގެ ތޮއްޖެހުން ފިލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އޭގައި (ވެށިފަހި މަޝްރޫއުގައި) ވިސްނިފައި އޮތީ ތިލަފުށްޓާއި ގުޅީފަޅާއި ވިލިނގިއްޔާ މާލެއާއި އަދި ހުޅުމާލެ ގުޅައިލުމަށް. އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި ކަޅިއްސުރެ ގިރާވަރު ކަނޑާއި ހަމައަށް ގުޅާލެވޭ މަގެއްގައި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮއްޖެހުން ފިލުވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ މާލޭގެ ތޮއްޖެހުން ފިލައިގެންނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެފައި އޮންނަނީ ޖަޒީރާވަންތަކަމުގެ މައްޗަށް ކަމަށާއި ރާއްޖޭގެ ޖަޒީރާ ސިފަ ނަގާލެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކަށް އަބަދުވެސް ވާންޖެހޭނީ ކުދި ރަށްތައްވެސް ތަރައްގީކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަންނަނީ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާ އެކި ފަރާތްތަކުގެ ކެމްޕެއިން ފެށުމަށް އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ