ނެދަލެންޑްސްގައި ބައިސްކަލު ބޭނުންކުރާ މީހުންނަށް ފައިސާ ދެނީ!

ބައިސްކަލު ދުއްވާ މީހުންގެ އަދަދު އިތުރުކުރުމަށް ނެދަލެންޑްސްގެ ސަރުކާރުން އެފަދަ މީހުންނަށް ފައިސާގެ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.
ނެދަލެންޑްސްގައި މިހާރު ވެސް މީހުންނަށް ވުރެ ބައިސްކަލު ގިނައެވެ. އެގޮތުން އެ ގައުމުގައި އާބާދީގައި 17 މިލިއަން މީހުން އުޅޭއިރު، ބޭނުންކުރާ ބައިސްކަލުގެ އަދަދު 23 މިލިއަނަށް އަރައެވެ.
ނެދަލެންޑްސްގެ ސަރުކާރުން ދާދިފަހުން ވަނީ އެ ގައުމުގެ ބައިސްލަކް އިންފްރާސްޓަކްޗަރު ރަނގަޅު ކުރުމަށް 390 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް ބުނެފައެވެ. އެ ގައުމުގެ ސަރުކާރުގެ އަމާޒަކީ މީގެ ތިން އަހަރު ފަހުން އިތުރު ދެ ލައްކަ މީހުން ބައިސްކަލު ބޭނުން ކުރަން ފެށުމެވެ. އެގޮތުން 15 ބައިސްކަލް ހައިވޭ ގާއިމްކޮށް 25،000 އަށް ވުރެ ގިނަ ބައިސްކަލް ޕާކިން ސްޕޭސް ގާއިމް ކުރެވޭނެއެވެ. މީގެ އިތުރުން ބައިސްކަލު ރައްކާކުރާ 60 ތަނެއް އަޕްގްރޭޑް ކުރެވިގެން ދާނެ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މީހުންނަށް ފަސޭހަ ކަމާއެކު ސްކޫލަށާއި އޮފީސްތަކަށާއި އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތް ކޮށްލަން ދެވޭނެ ގޮތެއް ތަނަވަސްކޮށްދިނުން،" ނެދަލެންޑްސްގެ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާގެ ސްޓޭޓް ސެކެޓަރީ ވިދާޅުވިއެވެ.
ކާރުތައް ދޫކޮށް ބައިސްކަލުގެ ބޭނުން ކުރުމަށް ނެދަލެންޑްސްގެ ސަރުކާރުން މިހާރު ދަނީ ފައިސާގެ އިނާޔަތްތައް ދެމުންނެވެ. އެގޮތުން ބައިސްކަލުގައި ފުރިހަމަކުރާ ކޮންމެ ކިލޯމީޓަރަކަށް ކްރެޑިޓް ޓެކްސްގެ ގޮތުގައި 0.22 ޑޮލަރު ދެއެވެ.
ޓްރާންސްޕޯޓް ޕޮލިސީ އެނަލިސިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރު ދަތުރު ކުރުމަށް ނެދަލެންޑްސްގެ މީހުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުން ބޭނުންކޮށްފައިވަނީ ބައިސްކަލެވެ. މީގެ ތެރެއިން 25 އިންސައްތަ މީހުން ބައިސްކަލު ބޭނުންކޮށްފައިވަނީ ވަޒީފާއަށް ދިއުމަށެވެ. އަދި 37 އިންސައްތަ މީހުން ބައިސްކަލު ބޭނުންކޮށްފައިވަނީ ހުސްވަގުތު މަޖާކޮށްލުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ