ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގޭނެ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ: ނަޝީދު

ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުޅާމިނުގައި އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހިންގޭނެ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާއި އެ މަޖިލީހަކީ އައްޑޫ ތަރައްގީގެ ބޮޑު ވަސީލަތަކަށް ހެދުމަކީ އެމްޑީޕީ އަމާޒެއް ކަމަށެވެ.
"އެންމެ މުހިންމު އެއް މަސައްކަތަކީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުޅާމިނުގައި އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ގިނަ ހުރިހާ ރަށެއްގައި ވެސް އެ ނިޒާމު ފުރިހަމައަށް ހިންގޭނޭ ގާނޫނީ އޮނިގަނޑު އަޅުގަނޑުމެންގެ ތެރޭގައި އޮތުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބީލަން ނުވަތަ ޓެންޑަރު ނެރުމުގެ ބާރު ސިޓީ ކައުންސިލްގެ ބާރުގެ ތެރޭގައި ހިމެނެން ޖެހޭ ކަމަށާއި ޓެންޑަރު ބެލުމަށް ފަހުގައި ކޮންޓްރެކްޓް ދޭނެ ފަރާތެއް ނިންމައި، އެ ފަރާތަކަށް އެ ކޮންޓްރެކްޓެއް ދީ، އެ ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތްކުރުމަށް ބާރު އަޅާ ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ވެސް ސިޓީ ކައުންސިލަށް ދޭން ޖެހޭ ކަމަށެވެ.
"ސިޓީ ކައުންސިލަކީ ދަރަންޏަށް ޒިންމާވެވޭ އަދި އަމިއްލައަށް ދަރަނި ހޯދޭ މުއައްސަސާއެއްގެ ގޮތުގައި، އިދާރާއެއްގެ ގޮތުގައި ގާނޫނުން އެބަ ކަނޑައެޅެން ޖެހޭ. ސިޓީ ކައުންސިލަށް ދަރަނިވެރިވެވޭ މިންވަރަކީ ދިވެހި ދައުލަތުގެ ދަރަނީގެ ކޮން މިންވަރެއްތޯ މި އޮންނަންޖެހެނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި ކަނޑައެޅިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ބިމުގެ މިލްކުވެރި ފަރާތަކީ އައްޑޫ ސިޓީ ކައުންސިލް ކަމުގައި ކޮންމެހެން ވެސް ވާން އެބަޖެހޭ ކަމަށާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އައްޑޫ ސިޓީއަށް އަމާޒުވެ، ކުރިއަށް ގެންދެވޭ އިރުގައި ބިމުގެ މިލްކުވެރި ފަރާތަކީ އެ ސިޓީ ކައުންސިލްގެ ގޮތުގައި ހަމަކަށަވަރުން ވެސް ވާންޖެހޭނެ ކަމަށެވެ.
"އައްޑޫ ސިޓީގައިވާ މަގުތަކާއި ނަރުދަމައާއި ފެނާއި އެހެންވެސް އާންމު ހިދުމަތްތަކުގެ ވަސީލަތްތައް، އެއީ ސިޓީ ކައުންސިލްގެ މިލްކަކަށް ވާންޖެހޭ. އިންޖީނުގެތައް ވެސް، އަޑީގައި ވަޅުލެވިފައިވާހާ ނަރެއް ވެސް، ހޮޅިއެއް ވެސް، މަގުތަކުގައި އަޅާފައިވާ ތާރު ވެސް، މަގުތައް ވެސް، އަދި އިންޖީނުގެތަކާއި ފެން ޕްލާންޓުތައް ހިންގުމަށް އެހެންވެސް އަސާސީ ހައްގުތަކުގެ އެންމެހާ ވަސީލަތްތައް އެ ސިޓީ ކައުންސިލްތަކުގެ މިލްކުގެ ގޮތުގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި ހިމެނިގެންދާން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ