ނަޝީދު އިސްތިއުފާ ދެއްވީ ދުރާލާ ރާވައިގެން: ޖުމްހޫރީޕާޓީ

ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ދުރާލާ ރާވައިގެން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ލީޑަރުކަން ކުރައްވާ ޖުމްހޫރީ ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ނިމުނު އިރު އެއްވެސް ވަޢުދެއް ނުފުދި ރާއްޖެ އޮތީ ވަރަށް ނިކަމެތި ޙާލަތަކަށް ވެއްޓިފައި ކަމަށެވެ. ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވެވީ އޭނާގެ ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވަމުން އަންނަ ފޫނުބެދޭ ބޮޑެތި ގެއްލުންތަކުގެ ޒިންމާ އެހެން ބަޔެއްގެ ބޮލުގައި އަޅުވައި، ސަލާމަތްވެވަޑައިގަންނަވާނެ ޙާލަތެއް ކުރިމަތިކުރުވުމަށް ފެއްޓެވި މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ 2013 އަންނައިރު ޤައުމުގެ ކަންކަން މިހާރު އޮތް ޙާލަތުގައި އޮވެއްޖެނަމަ، އެކަން ޙުއްޖަތަކަށް ހައްދަވައި ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމަށް ނަޝީދު އުންމީދު ކުރައްވާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައި ފަނޑިޔާރުގެތަކާ މިނިވަން މުއައްސަސާތައް ވެސް އަތްދަށުލައްވައި، އުންމީދުކުރައްވަވާ ފަދަ ގޮށްމުށުގެ ވެރިކަމެއް ހިންގެވިދާނެ ކަމަށް ގަބުލު ކުރައްވާ ކަމަށެވެ. އިސްތިއުފާ ދެއްވީ އެހެންވެ އެކަމަށް ކުރިންސުރެ ރާވައިގެން ކަމަށެވެ. އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެހީލަތްތެރި ރޭވުންތަކަށް ސަމާލުވެތިބުމަށާ، ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށެވެ.
ރައީސް ނަޝީދު ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ މުދަލުގެ އަގު އުފުލި، ޢާއިލާތަކަށް ލިބޭ އާމުދަނީއިން ދެކޮޅުނުޖެހި އުޅެން ޖެހުން ތަޙައްމަލުކުރެވެމުން ދިޔައިރު، ވަޒީފާނެތް ޒުވާނުންގެ ޢަދަދު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި ދައުލަތް އޮތީ 30 ބިލިއަން ރުފިޔާގެ ދަރަނިވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް ޖުމް ހޫރީ ޕާޓީން ބުނެ އެވެ.
"... ސަރުކާރު މުވައްޒަފުންނަށް މަހުންމަހަށް މުސާރަދެވޭނެ ފަދަވެސް ދައުލަތުގެ މިލްކިއްޔާތަކު ނެތެވެ. ރާއްޖޭގެ ތަޢުލީމާ ޞިއްޙަތާ އިޖްތިމާޢީ އަދި ޢުމްރާނީ ކަންކަން ވެސް މިއިން ޒަމާނަކު ބޮއްސުން ނުލާހައި ބޮޑަށް ބޮއްސުންލައި، މި ޙާލަތުގައި އިތުރަށް ދުވަސްތައް ހޭދަކުރަން ޖެހިއްޖެނަމަ ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުމާ ނިކަމެތިކަން ކުރިމަތިވަމުން ހިނގައިދާނޭކަމުގެ އިޙްސާސް ޚުދު ރައީސް ނަޝީދު ވެސް ގެންދެވީ އަމިއްލަފުޅަށް ކުރައްވަމުންނެވެ،" ބަޔާނުގައި ވެއެ އެވެ.
ޖުމްހޫރީ ޕާޓީން އެގޮތަށް ބުނެފައިވާއިރު އެ ޕާޓީގެ މަސްލަހަތު އޮންނަ ވީޓީވީގައި ރޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވެވީ އެ މަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން އެހެން މީހުންގެ ބޮލުގައި އެޅުވުމަށްފަހު ހިންގާފައިވާ ޖަރީމާތަކުން ސަލާމަތްވެ ވަޑައިގެން އަލުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ