މިނިވަން ދުވަހު 500 މީހުންނަށް ސައި ދޭން ހުށަހެޅި އަގުތައް ގައުމިއްޔަތު މިނިސްޓްރީއަށް ބޮޑުވެއްޖެ މިނިވަން ދުވަހު 500 މީހުންނަށް ސައި ދޭން ހުށަހެޅި އަގުތައް ގައުމިއްޔަތު މިނިސްޓްރީއަށް ބޮޑުވެއްޖެ

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ހާޒިރުވާ 500 މީހުންނަށް ސައި ދޭނެ ބަޔަކު ހޯދަން އިއުލާނު ކުރުމުން ހުށަހެޅީ މާ ބޮޑެތި އަގުތަކެއް ކަމަށް ބުނެ ސައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާނު ގައުމިއްޔަތު މިނިސްޓްރީ އިން ބާތިލުކޮށްފި އެވެ.
ދިދަ ނަގާ ރަސްމިއްޔާތަށް ހާޒިރުވާ މީހުންނަށް ސައިދޭނެ ބަޔަކު ހޯދަން ގައުމިއްޔަތު މިނިސްޓްރީ އިން އިއުލާނު ކުރީ ޖޫން 19، ގަ އެވެ. އެ ދުވަހު ކުރި އިއުލާނު އިއްޔެ ބާތިލު ކުރުމަށްފަހު އާ އިއުލާނެއް ގެޒެޓްކޮށްފައެއް ނެތެވެ.
"މަތީގައި ދެންނެވިފައިވާ އިއުލާންގައިވާ މަސައްކަތަށް މި ވުޒާރާއިން ކަނޑައަޅާފައިވާ ބަޖެޓަށް ވުރެއް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް ބޮޑުވުމުގެ ސަބަބުން، މި އިއުލާން ބާތިލުކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވިން،" އިއުލާނު ބާތިލު ކުރުމަށްފަހު މިނިސްޓްރީއިން ބުނެފައިވެ އެވެ.
ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައި ވަނީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރާނީ "ހައިބަތު ބޮޑުކޮށް" ކަމަށެވެ. އެއީ މިނިވަންކަމުގެ "ހަގީގީ މާނަ" ޒުވާނުންނަށް ދެއްކުމަށް ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
"[މިނިވަން] ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހީން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ. މިއީ ގައުމެއްގެ ގޮތުގައި ދެމިތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުމާއެކު ބާއްވަން ޖެހެނީ މިހެންވެ،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނަސީރު ވިދާޅުވި އެވެ.
މިނިވަން ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއް ބައި ހުޅުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރާ ކަމަށް ބެލެވެ އެވެ. ނަމަވެސް ކުރާ ހަރަދުގެ ތަފުސީލު ދޭން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެއާޕޯޓަށް ބޮޑު ހަރަދެއް ކުރުމުގެ އިތުރުން މި އަހަރު ފުޅަނދު ބުރެއް ވެސް ބާއްވަ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން ބޮޑު ހަރަދެއް ކުރާއިރު، ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދު އޮތީ ވަރަށް ދަށްކޮށެވެ. އަދި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރެއްގެ އަގު ހުރީ ރިކޯޑު މިންވަރަކަށް 20 ރުފިޔާއަށް ވުރެ މަތީގަ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ނަމުގައި މިއަހަރު ބޮޑު ހަރަދެއް ކުރާއިރު، ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ރައީސް މުހައްމަދު މުއިއްޒު ނިންމެވީ ހަމައެކަނި މިނިވަން ދުވަހުގެ ޖަލްސާއެއް ބާއްވައި އިތުރު ކަންކަން ނުކުރުމަށެވެ.
"ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި. މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ޖޫން 27، 2024، ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ