ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ކާޑުތަކަށް ދީފައިވާ ޑޮލަރު ލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުންގެންދާކަން ފާަހަގަކުރެވޭކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދަު އިތުރުކޮށްދީފައިވާކަމަށެވެ. މިގޮތުން ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ބަލައި ގަނެ ރާއްޖެއިން ބޭރުގައި ކާޑުމެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތައް މަހަކަށް 1،000 ޑޮލަރަށް، އަދި ޓިކެޓަޝާއި ހޮޓާ ބުކިންގެ އިތުރުން ބޭސްފަރުވާގެ ކަންކަމަށް މަހަކަށް 3،000 ޑޮލަރަށް ލިމިޓް އިތުރުކޮށްދީފައިވާކަމަށެވެ.
ބީއެމްއެލުން ބުނީ ލިމިޓްތައް އިތުރުކޮށްދިނުމާއެކު ބައެއް ފަރާތްތަކުން ކާޑުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރަމުންގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ކާޑު އެހެން ކަސްޓަމަރުން ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންކުރަމުންދާކަމަށް ފާހަގަކުރެވިފައިވާކަން ފާހަގަކުރަމުން ބީއެމްއެލުްނ ބުނީ އޭގެ ތެރެއިން އެކަކު 100 އަށްވުރެ ގިނަ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭރުފައިސާ ހޯދުމަށް ވަކި މާޗަންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ޓިކެޓް އަދި ހޮޓާ ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރަމުންދާކަމަށްވެސް ބީއެމްއެލުން ފާހަގަކުރިއެވެ.
ބީއެމްއެލުން ބުނީ ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެވިފައިވާ އެއްބަސްވުމާ ހިލާފްކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރިއަށްގެންދާނަމަ މިފަދަ މުއާމަލާތްތައް ބަލައި ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ބޭންކުން ވަނީ ދީފައެވެ.
ކާޑުގެ ލިމިޓް އިތުރުކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ ރާއްޖެއިްނ ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކުގަޔާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށްކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭނީ ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެންކަމަށް ބީއެމްއެލުން ވަނީ ފާހަގަކޮށްފައެވެ.
ދީފައިވާ ޑޮލަރު ލިމިޓްގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަން ފާހަގަކުރެވޭ: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ