ބާސެލޯ ނަސަންދުރާގައި މިއަދު ފެށި، ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކަށް ފަހު، އަންހެން ޑަބަލްސް އިވެންޓްގެ ލޯ މެޑަލް މެޗުގައި ގައުމީ ކެރަމް ޓީމުގެ، އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ވާދަކުރަން ޖެހިއްޖެ އެވެ.
އެގާރަ އަހަރު ފަހުން، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕެއް މިއަދު ކުރިއަށްދާއިރު، މުބާރާތުގެ އަންހެން ޑަބަލްސް ލޯ މެޑަލް މެޗުގައި، ނަހުފާ އާއި ފައިނާޒް ކުޅެން ޖެހުނީ ސެމީ ފައިނަލުގައި، އިންޑިއާގެ ހާޒިމާ އާއި މިތުރާގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވުމުންނެވެ. މެޗުގެ ސެޓުތައް، އިންޑިއާގެ ޕެއާ އިން ގެންދިޔައީ، 25-09، 18-13 އިންނެވެ.
މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި ޕެއާ ކަމަށްވާ، އައިމިނަތު ވިދާދް އާއި ފާތިމަތު ރަޔާނާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި، އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާއާ ކުޅެގެން، ވިދާދު އާއި ރަޔާނާގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. އެ ގޮތުން، ފުރަތަމަ ސެޓުގައި، ޕްރިތީ އާއި ތޭޖަސްވީގެ ޕެއާ 18-17 އިން ކުރިހޯދާފައިވަނިކޮށް، ވިދާދާއި ރަޔާނާގެ ޕެއާ ވަނީ ދެން ކުޅުނު ސެޓުން 18-17 އިން މޮޅުވެފަ އެވެ. ނަތީޖާ ނެރުނު ސެޓުގައި ޕްރިތީ އާއި ތޭޖަސްވީގެ ޕެއާ މޮޅުވީ 22-08 އިންނެވެ.
މުބާރާތުގައި މިއަދު އިންޑިއާގެ ޕެއާ އާއި ރާއްޖޭގެ ޕެއާ އިން ކުޅުނު މެޗެއްގެ ތެެރެއިން.--- ފޮޓޯ: ކެރަމް ވޯލްޑް ކަޕް/ ފޭސްބުކް
ޖުމްލަ އެކު، 17 ގައުމުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގައި، ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ހޯސްޓްކުރި، އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޑަބަލްސް އިވެންޓުން ރިހި މެޑަލް ހާސިލްކުރި އަޒްމީން އާއި ނާޒިމްގެ ޕެއާ، ކުއާޓާގައި ބަލިވީ، އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 25-7، 25-1 އިންނެވެ.
ފިރިހެން ޑަބަލްސް އިވެންްޓްގައި، ރާއްޖޭގެ އާދަމް އަދީލް އާއި އިބްރާހިމް ހުޖާން އަލީ އަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭގޮތެއްނުވި އެވެ. އެ ގޮތުން، ފުރަތަމަ ބުރުގައި، ހުޖާން އާއި އަދީލްގެ ޕެއާ ކުޅެން ޖެހުނީ، ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯ އާއި ނިމްނެއިތު ޕެއިރިސްގެ ޕެއާއާ އެވެ. އެ މެޗުން، ނިޝާންތަ އާއި ނިމްނެއިތުގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. ސެޓުތައް ގެންދިޔައީ، 25-14، 14-17 އާއި 25-14 އިންނެވެ.
ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ ނަހުފާ އާއި ފައިނާޒް ލޯ މެޑަލް މެޗަށް ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ ނަހުފާ އާއި ފައިނާޒް ލޯ މެޑަލް މެޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ