'ސްމާޓް ހޯނޑެއްދޫ' މަޝްރޫއަށް ތަޖުރިބާ ހޯދަން ކައުންސިލުން އިންޑިއާއަށް
ގދ. ހޯނޑެއްދޫ ޑިޖިޓަލައިޒް ކުރުމަށް ރާވާފައިވާ 'ސްމާޓް ހޯނޑެއްދޫ' މަޝްރޫއަށް ތަޖުރިބާ ހޯދަން އެ ރަށު ކައުންސިލުން އިންޑިއާއަށް ދަތުރެއް ފަށައިފިއެވެ. ހޯނޑެއްދޫ ކައުންސިލުން، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ވަފުދަކާއެކު އިއްޔެ އިންޑިއާއަށް ފުރައިފައިވަނީ، މާދަމާއިން ފެށިގެން މި މަހުގެ 14އަށް އެ ގައުމުގައި ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވުމަށެވެ. ހޯނޑެއްދޫ ކައުންސިލުން ބުނީ އެ ޕްރޮގްރާމް ހިންގަނީ އިންޑިއާގެ އުއްތަރަޚަންދު ސްޓޭޓްގެ މަސޫރީ އަވަށުގައި ކަމަށެވެ. އެ ކައުންސިލުން ބުނީ ސްމާޓް ހޯނޑެއްދޫ މަޝްރޫއުއަކީ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫއުއެއް ކަމަށެވެ. ކައުންސިލުން ބުނީ އިންޑިއާގައި އޮތް ތަމްރީން ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން އިންޑިއާގެ މުހިންމު ސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، ދެހެރަދުންގެ ސްމާޓް ސިޓީއާއި ޗަންދިގަރްގެ ސްމާޓް ސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ނިއުދެއްލީ މުނިސިޕަލް ކައުންސިލާއި ނިއުދެއްލީގައި ހުންނަ ވާލްޑް ޓްރޭޑް ޓަވަރަށް ވެސް ވަފުދުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. ސްމާޓް ހޯނޑެއްދޫ މަޝްރޫއުގެ ދަށުން ކައުންސިލުން ދޭ ހުރިހާ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމާއި ޝަކުވާ ހުށަހެޅޭނެ "ވާރުގެ" ސާވިސް ޕޯޓަލް މި އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހޯނޑެއްދޫ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ ސްމާޓް ހޯނޑެއްދޫ މަޝްރޫއުގެ ދަށުން ސްޓްރީޓް ލައިޓުތައް ސޯލާ ލައިޓަށް ބަދަލުކުރުމާއި، ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މުހިންމު ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމަށްވެސް ރާވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގައި ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާ ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލުން އިންޑިއާ އެމްބަސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ މި ބައްދަލުވުމުގައި މަޝްރޫއުއަށް އިންޑިއާ އެމްބަސީން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބޭނުންވާ އަމަލީ ތަޖުރިބާ އަދި ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ. މި މަޝްވަރާތަކަށްފަހު ސްމާޓް ހޯނޑެއްދޫ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ސްމާޓް ސިޓީގެ ތަޖުރިބާ ހޯދުމުގެ މި ދަތުރު ހަމަޖައްސައިދިނުމަށް އިންޑިއާ އެމްބަސީން ނިންމި ކަމަށް ކައުންސިލުން ބުންޏެވެ. އަދި ދެވަނަ ފިޔަވަހީގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންޑު ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހުނު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ