ބީއެމްއެލްގެ ކާޑުތަކުން %40 ޗާޖުކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިވެހި ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް %40 އާ ހަމައަށް ފީއެއް ނަގާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މި މައްސަލައާ ގުޅިގެން ބީއެމްއެލް އިން ވަނީ ކާޑުތަކުން ފީ ނަގަމުން އަންނަ ގޮތުގެ ތަފްސީލުތައް 'ދައުރު' އިން އެދިގެން ހިއްސާކޮށްފަ އެވެ. ބޭންކުން މިފަހަރު ވެސް ފާހަގަކުރި ގޮތުގައި މިހާރު ނަގަމުން އަންނަ ފީތައް ނަގަމުން އަންނަނީ ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ހަމަ އެ އަދަދުތަކަށެވެ. އާ ފީތަކެއް ނަގަން ފަށާފައެއް ނުވެ އެވެ.
%10 އާ ހަމައަށް ނަގާ ފީއަކީ އާ ޗާޖެއް ނޫން
ބޭންކުގެ 'ޝެޑިއުލް އޮފް ޗާޖަސް' އާ ހަވާލާދީ ބީއެމްއެލްއިން ބުނި ގޮތުގައި، ބޭންކުން ކާޑުގެ ހިދުމަތް ދޭން ފެށީއްސުރެ ވެސް އަމަލުކުރަމުން އަންނަ އުސޫލަކީ، ރާއްޖެއިން ބޭރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ކްރޮސް-ބޯޑާ މުއާމަލާތްތަކުން އެންމެ ގިނަވެގެން %10 އާ ހަމައަށް ފީއެއް ނެގުމެވެ. މިއީ ކުރިން ވެސް އަދި މިހާރު ވެސް މިކަން އޮންނަ ގޮތް ކަމަށާއި މި އުސޫލަށް އެއްވެސް ބަދަލެއް ނާންނަކަން ބޭންކުން ކަށަވަރުކޮށްދެ އެވެ.
މި ފީ ނަގަނީ އެ މުއާމަލާތަކީ ޔޫއެސް ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތެއް ނަމަ، ނުވަތަ ދިވެހި ރުފިޔާ އެކައުންޓަކުން ފައިސާ ކެނޑޭ ގޮތަށް ކާޑު ބޭނުންކުރާ ނަމަ އެވެ. ބޭންކުން ފާހަގަކުރާ ގޮތުގައި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާޑުގެ ހިދުމަތްދޭ ބޭންކުތަކުން 'އޮޕްޝަނަލް އިޝުއާ ފީ' (އޯއައިއެފް) ގެ ނަމުގައި އާންމުކޮށް ނަގަމުން އަންނަ ފީއެކެވެ.
%30 ގެ ޗާޖު ނަގަނީ ކަނޑައެޅިފައިވާ އެންމެ 6 ސައިޓަކުން
އާންމުންގެ މެދުގައި އޮޅުން އަރައިގެން އުޅޭ %30 ގެ ޗާޖަކީ، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާތީ، އެކަން ހުއްޓުވުމުގެ ގޮތުން ކަނޑައެޅިފައިވާ ވަކި 6 އީ-ކޮމާސް ސައިޓަކުން ކުރާ މުއާމަލާތްތަކަށް އެކަނި ނަގާ ފީއެއް ކަމަށް ބޭންކުން ބުންޏެވެ.
މި ފީ ނަގަން ފަށާފައިވަނީ 1 ޖުލައި 2025 އިން ފެށިގެންނެވެ.
ބީއެމްއެލްއިން ބުނީ މިއީ %10ގެ ފީގެ މައްޗަށް އިތުރުކޮށްގެން ނަގާ ފީއެއް ނޫން ކަމަށެވެ. އެ އޮޅުން ސާފުކޮށްދެމުން ބީއެމްއެލްއިން ބުނީ އެ ސައިޓުތަކުގައި ކުރާ މުއާމަލާތަކުން ނަގާނީ އެ ތަންތަނަކަށް ކަނޑައެޅިފައިވާ %30ގެ ފީ އެކަނި ކަމަށެވެ. އެއަށް ވުރެ ބޮޑުކޮށް އެ ސައިޓުތަކުގައި ވެސް ބޭންކުން ފީއެއް ނުނަގަ އެވެ.
އެހެންކަމުން ޖުމްލަ %40 ގެ ޗާޖެއް ނަގާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެކެވެ. އަދި މިހާތަނަށް ވެސް އެއްވެސް ކްރެޑިޓް ކާޑަކުން ކުރާ މުއާމަލާތަކުން މި %30ގެ ފީ ނުނަގާކަން ބޭންކުން ފާހަގަކުރެ އެވެ.
ޑޮލަރުގެ ސަޕޯޓާއި މިހާރު ދިމާވެގެން އުޅޭ މައްސަލަ
ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުގައި ފައިސާ ބަދަލުކުރުމާއި ބޭރު ފައިސާ ހޯދައި ބެހެއްޓުމަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ، ވަކި ފީއެއް ނެގުމަކާ ނުލައި މުއާމަލާތްތައް ހިންގުމަކީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޭންކުތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެހެންނަމަވެސް ބޭންކުން ދަނީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ޑޮލަރު ސަޕޯޓު ދެމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް:
• ބޭންކުން 345 މިލިއަން ޑޮލަރު ވިއްކާފައިވޭ
• ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައި
• މީގެ އިތުރުން ކަސްޓަމަރުންގެ ލިމިޓުތައް ބޮޑުކޮށް، ބޭސްފަރުވާ އާއި ދަތުރުފަތުރަށް ދޭ ލިމިޓު މިހާރު ވަނީ މަހަކު 3،000 ޑޮލަރަށް އިތުރުކޮށްފައި
ބައެއް އޮންލައިން ސައިޓްތަކުން ރުފިޔާ ކާޑުން މުއާމަލާތް ނުކުރެވޭ މައްސަލައާ ގުޅޭގޮތުން ބޭންކުން ބުނީ، އެއީ ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ހިންގާ މުއާމަލާތްތައް އެތައް ގުނައަކަށް އިތުރުވެ، އެފަދަ ސައިޓްތަކަށް ދުވާލަކަށް ކަނޑައެޅޭ ބަޖެޓް ހުސްވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މި މަސް ނިމެންވާއިރަށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެއެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތް ކުރުމަށް އެންމެ މަތީ ލިމިޓެއް ފޯރުކޮށްދޭ ހަމައެކަނި ބޭންކަކީ ބީއެމްއެލް އެވެ. އަދި ޑޮލަރު އެކައުންޓާ ގުޅިފައިވާ ކާޑުތަކުން ވިޔަފާރިކުރުމަށް އެއްވެސް ލިމިޓެއް ނޯންނާނެކަން ވެސް އެ ބޭންކުން ހަނދާންކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ