އައްޑޫ ރީޖަނަލް ފްރީ ޒޯނުން ވިޔަފާރިތަކަށް ޖާގަ ހޯދުމުގެ ފުރުސަތު މިމަހުގެ 11އަށް

އައްޑޫ ރީޖަނަލް ފްރީޒޯން ސަރަހައްދުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނެފިއެވެ. އެމްޕީއެލްއިން އައްޑޫގެ ރީޖަަނަލް ފްރީޒޯން ސަރަައްދުން ޖާގަ ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ނިމުނު މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެމްޕީއެލްއިން ވަނީ ފްރީޒޯނުން ބިން ގަތުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް ޝައުވެރިކަން ފާޅުކޮށް އީއޯއައި ހުށަހަޅާނެ ގޮތާއި ޖާގަ ދޫކުރާ އަގާއި ޖާގަ ލިބޭ ވިޔަފާރިވެރިން ކަނޑައަޅާނެ ގޮތްވެސް ހިއްސާކޮށްފައެވެ. އަދި އެ ބިން ހޯދުމަށް ޝައުގުވެރިވާ ވިޔަފާރިތަކުން [email protected] މެދުވެރިކޮށް އީއީއައި ހުށަހެޅުމަށާއި، އެ ކުންފުނިން ދީފައިވާ ސާވޭ ފޯމު ފުރިހަމަކުރުމަށްފަހު އެ ޕޯސްޓުގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. https://x.com/Portmv/status/2064191089918316724 އެމްޕީއެލްއިން ވަނީ ބިން ކުއްޔަށް ދޫކުރުމަށް ނަގާ ޓެރިފް ކަނޑައަޅައި އާންމުކޮށްފައެވެ. އެގޮތުން ޖީއެސްޓީ ނުލައި ދުވާލަކަށް 1،000 އަކަފޫޓު ދޫކުރަން ނިންމާފައިވަނީ 153.33 ރުފިޔާ އަށެވެ. އަދި ޖީއެސްޓީއާއެކު ދުވާލަކަށް ނަގަނީ 165.60 ރުފިޔާ އެވެ. އަދި ބިން ލިބޭ ވިޔަފާރިވެރިން ކަނޑައެޅުމަށް ނިންމާފައި ވަނީ އީއޯއައި ހުށަހެޅުމުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ނިމުނު ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އެމްޕީއެލްއިން މީގެ ކުރިން ބުނީ ހިތަދޫ ބަނދަރުގައި ޑިއުޓީ ފްރީ ޒޯންގެ ޚިދުމަތް ފެށުމުން، ކާޑާއި ކާބޯތަކެއްޗަށް ޑިއުޓީ ނުދައްކައި، އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ވިޔަފާރިވެރިންގެ މުދާތައް ވަރަށް ކުޑަ އަގެއްގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އޭރު އެ ކުންފުނިން ބުންޏެވެ. އަދި އެތަނުގައި ވިޔަފާރިތަކުން ކާޑާއި ކާބޯތަކެއްޗަށް ޑިއުޓީ ނުދައްކައި، އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށާއި އެ ސަރަހައްދުގައި ވިޔަފާރިވެރިންގެ މުދާތައް ވަރަށް ކުޑަ އަގެއްގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. https://sun.mv/217667 މީގެ އިތުރުން ބޮންޑެޑް ގުދަނުގެ ޚިދުމަތް އެތަނުން ދޭން ފެށުމުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ޚާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ މުދާތައް ރައްކާތެރިކޮށް ބެހެއްޓުމަށް ފަސޭހަވެ، ވިޔަފާރިވެރިންނަށް ލުއިތައް ލިބޭނެ ކަމަށް އޭރު އެމްޕީއެލްއިން ވަނީ ބުނެފައެވެ. މިއަހަރުގެ ފެބްރުވަރީ މަހު ރައީސް އިއްވި ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގައި ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑުއަކީ ވިޔަފާރިކުރަން ފަސޭހަތަނަކަށް ހަދައި، އައިޓީގެ ހަބަކަށް އެ ސިޓީ ހައްދަވަން ނިންމަވާފައިކަން ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ