ރޮނާލްޑޯއަށް އޭނާގެ ކްލަބް ފެންވަރުގައި ދައްކާ މޮޅު ކުޅުން ވޯލްޑް ކަޕްގައި ދެއްކިދާނެތަ؟

ޕޯޗުގަލް އާއި ސައުދީ ކުލަބް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގައި ހޭދަކުރި ތިންވަނަ ސީޒަނުގައި، އޭނާ ވަނީ އަލް ނަޞްރާއެކު ފުރަތަމަ ލީގު ތަށި ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރިޔާދުގެ މި ޓީމަށް ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްދިނުމުގައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީ ކެޕްޓަންގެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްފައެވެ. ލީގުގެ އެންމެ ފަހު މެޗުގައި ދަމަކް އެފްސީ އަތުން 4-1 އިން އަލް ނަޞްރު މޮޅުވި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއެވެ. މި ނަތީޖާއާއެކު އަލް ނަސްރަށް ލީގު ކާމިޔާބުވިއިރު، މިއީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އެ ކްލަބުން ޕްރޯ ލީގުގެ ތަށި ހޯދި ފުރަތަމަ ފަހަރެވެ. އަލް-އައްވަލް ޕާކުގައި އަލް ނަޞްރުގެ ސަޕޯޓަރުންގެ ކުރިމަތީގައި ޓީމުގެ ކުޅުންތެރިންނާއެކު ފުރަތަމަ ލީގު ތަށި އުފުލާލިއިރު، ޕޯޗުގަލްގެ މި ލެޖެންޑް ފެނުނީ ވަރަށް ބޮޑަށް އަސަރުކޮށް ފެންކަޅިވެފައި ހުއްޓައެވެ. މިއީ ވާދަވެރި އަލް ހިލާލްއާއެކު ކުރި ވަރުގަދަ ހަނގުރާމައަކަށްފަހު ލިބުނު ކާމިޔާބީއެކެވެ. ރޮނާލްޑޯ ސައުދީ ޕްރޯ ލީގު ތަށްޓާއި އެކު-- ފޮޓޯ/ ހޮލާ ލީގު ތަށި އުފުލާލިިއިރު، ރޮނާލްޑޯ ވަނީ މި ސީޒަނުގައި ކުލަބަށް ޖުމުލަ 35 ގޯލު ކާމިޔާބުކޮށްފައިއެވެ. އުުމުރުން ދުވަސްވި ނަމަވެސް ރޮނާލްޑޯ ވަނީ އޭނާގެ ލަނޑު ޖެހުުގެ ހުނަރު ހުރިކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިއެވެ. އުމުރުން 41 އަހަރުގައި އޭނާ ވަނީ ޕްރޯ ލީގުގެ މި ސީޒަނުގައި ކުޅުނު 30 މެޗުން 28 ލަނޑު ޖަހާފައެވެ. މިއީ އެންމެ މަތީ ފަންތީގައި އޭނާ ދަމަހައްޓަމުންދާ ފެންވަރު ހާމަކޮށްދޭ ކަމެކެވެ. ޒުވާން ދުވަސްވަރުގެ ބުންވަރާއި ހަލުވިކަން މިހާރު ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް، އޭނާގެ ހަރަކާތްތެރިކަމާއި، ލަނޑުޖެހުމުގެ ހުނަރާއި، ބޯޅަ އަންނާނެ ގޮތް ދެނެގަތުމުގެ ގާބިލުކަން އަދިވެސް ހަމަ ތަފާތެވެ. މި އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕަކީ ރޮނާލްޑޯއަށް މުޅިން ތަފާތު ގޮންޖެހުމަކަށް ވާނެކަން ޔަގީނެވެ. ދުނިޔޭގެ އެންމެ ބޮޑު މި މުބާރާތުގައި ރޮނާލްޑޯ ދައްކާނެ ކުޅުމަކަށް ސަޕޯޓަރުން ތިބީ އުންމީދު ކޮށްގެންނެވެ. ސަޕޯީޓަރުން ތިބީ ރޮނާލްޑޯ ވޯލްޑް ކަޕް ގައި މޮޅު ކުޅުމެއް ދައްކާނެ ކަމުގެ އުންމީދުގައި ކެތްމަދުވެފައެވެ. ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ތޮނާލްޑޯ މެޗެއްގެ ތެރެއިން.... ރޮނާލްޑޯ އަކީ ވޯލްޑް ކަޕް މުބާރާތުގައި މާ ކާމިޔާބު ކުޅުންތެރިއެއް ނޫންނެވެ. މިފަހަރު ވޯލްޑް ކަޕަކީ ރޮނާލްޑޯ ކުޅޭނެ ހަވަނަ ވޯލްޑް ކަޕަށް ވިޔަސް ވޭތުވެ ދިޔަ ފަސް ވޯލްޑް ކަޕުވެސް އޭނާ ނިންމާލާފައި ވަނީ ވަރަށް ނާކާމިޔާބުކޮށެވެ. މިހާތަނަށް ކުޅުނު ފަސް ވޯލްޑް ކަޕުގައި ރޮނާލްޑޯއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ އަށް ގޯލެވެ. މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް އުފުލާލުމުގެ ނަސީބު ލިބިފައި ނެތް ރޮނާލްޑޯ މިފަހަރު ނުކުންނަނީ މުޅިން އާ އަޒުމަކާއިގެންނެވެ. އެއީ އޭނާގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވީތީ ތަށި ނެގުމެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯއަށް ވޯލްޑް ކަޕެއް އަދި ކާމިޔާބު ކުރެވިފައި ނެތުމަކީ އޭނާ ދެކޭ ގޮތުގައި މ ކްލަބް ލެވެލްގައާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކާ އަޅާބަލާއިރު ފެންނަން އޮތް އުނިކަމެކެވެ. މިފަހަރުގެ މުބާރާތަކީ ރޮނާލްޑޯއަށް ވޯލްޑް ކަޕް ތަށްޓެއް ހޯދަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ބެލެވެއެވެ. ގައުމަށްޓަކައި ތަށި އުފުލާލުމަށް އޭނާގެ ކިބައިގައި ހުރި އަޒުމުގެ ސަބަބުން ކޮންމެ މެޗެއްގެ މުހިންމުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ރޮނާލްޑޯގެ ޔޫރަޕްގެ ކާމިޔާބީ ރޮނާލްޑޯ 2026 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ތަށްޓާއި އެކު އުފާފާޅުކުރަނީ... ފޮޓޯ/ ސްކައިސްޕޯޓްސް ދެހާސް ސޯޅަ ވަނަ އަހަރު ޕޯޗުގަލްއިން ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަހުން ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އެއް ކަމެއް ބަދަލެއް ނުވެއެވެ. އެއީ ޓީމުގެ ކެޕްޓަން ރޮނާލްޑޯއެވެ. އޭނާގެ ހުރުމަކީ ޓީމަށް ލިބޭ ނުހަނު ބޮޑު ހިތްވަރަކާއި ތަޖުރިބާއެކެވެ. އަދި މޮޅުވުމުގެ ރޫހަކީ މުބާރާތުގެ ނޮކްއައުޓް މަރުހަލާގެ އުނދަގޫ ވަގުތުތަކުގައި ވަރަށް މުހިންމުވާނެ އެއްޗެކެވެ. ޚާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި އޭނާގެ ކާމިޔާބުގެ ތާރީޚަށް ބަލާއިރުއެވެ. ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އޭނާގެ ލީޑަޝިޕާއި ބޮޑެތި މެޗުތަކުގައި ކުޅުމުގެ ތަޖުރިބާއަކީ ޕޯޗުގަލްއަށް ކާމިޔާބީއާއި ހަމައަށް ދިއުމަށް މަގުފަހިކޮށްދޭނެ މުހިންމު ބަހާއަކަށް ވާނެއެވެ. ޕޯޗުގަލްއަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ އެއް ޓީމު ޕޯޗުގަލް ގެ މުހިންމު ބައެއް ކުޅުންތެރިން ރޮނާލްޑޯއާއި އެކު.. ފޮޓޯ/ ބީންސްޕޯޓްސް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މިހާރު އޮތް އެންމެ ހަމަހަމަ އަދި އެންމެ ފުރިހަމަ އަދި އެންމެ ތަފާތު އެއް ސްކޮޑާއެކު، ޕޯޗުގަލް މި މުބާރާތަށް ނުކުންނާނީ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމުގެ ގޮތުގައެވެ. އެ ޓީމުގެ ފަހަތް ބަލަހައްޓަނީ ރޫބެން ޑިއާސް އަދި ނޫނޯ މެންޑޭޒް ފަދަ ތަޖުރިބާކާރު މޮޅު ކުޅުންތެރިންނެވެ. މީގެ ސަބަބުން ޓީމުގެ ޑިފެންސް ވަރުގަދަވެފައި، ހަމަޖެހުން ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. ފޯވާޑުންނަށް ބަލާއިރު، ޕެޑްރޯ ނެޓޯގެ ހަލުވިކަމާއި ސީދާ ހަމަލާތަކުގެ އިތުރުން، ރޮނާލްޑޯގެ ފުރިހަމަ ނިންމާލުމުގެ ހުނަރާއެކު، އެ ޓީމަކީ މި މުބާރާތުގެ ކޮންމެ އިދިކޮޅު ޓީމަކަށްވެސް އޮތް ބޮޑު ބިރަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ