މިނިސްޓަރު މާރިޔާ ޓައިޓޭނިކް މަންޒަރެއް ކުޅުއްވާ ރޮމޭންޓިކް ވެއްޖެ!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިރިކަލުން އަހުމަދު އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގެ "ރޮމޭންޓިކް" މަންޒަރެއް ސިފަވާ ގޮތަށް އެކްޓްކުރެއްވި ވީޑިއޯއެއް އާންމުވެއްޖެ އެވެ.ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ 1997 ގެ ފިލްމު "ޓައިޓޭނިކް" ގައި އޭގެ ތަރިން ކަމަށްވާ ލިއޮނާޑީ ޑި ކެޕްރިއޯ (ޖެކް) އާއި ކޭޓް ވިންސްލެޓް (ރޯޒް) ގެ އައިކޮނިކް މަންޒަރެއް ކަމަށްވާ ބޯޓްގެ ދިރުނބާކޮޅުގައި ކޮއްޅަށް ތިބެގެން ދެ އަތް ވައިގެ ތެރެއަށް ވިހުރައިލާ މަންޒަރު ކޯސްޓް ގާޑް އުޅަނދެއްގައި މާރިޔާގެ ދެކަނބަކުން ކޮޕީކުރައްވަން މަަސައްކަތްކުރައްވާ ތަނެވެ.މި މަންޒަރު ނަގާފައިވަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑް އުޅަނދެއްގައި ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރި ނަމަވެސް އެމްއެންޑީއެފް އިން ޖަވާބެއް ނުދެ އެވެ.ސިފައިންގޭގައި ކުރިން މަސައްކަތް ކުރެއްވި ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ (ޕާޕާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތުގެ އެސެޓްތައް ބޭނުން ކުރާ މައްސަލަ އޭސީސީން ބަލަން ޖެހޭ ކަމަށެވެ. މިއީ ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ."ގައުމީ ސަލާމަތުގެ އެސެޓްތައް މި ބޭނުންކުރަނީ އާއިލީ އުފަލުގައި. މިއީ ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން. އޭސީސީން މިކަން ތަހުގީގުކުރަން ޖެހޭ،" ފަޔާޒް ވިދާޅުވިއެވެ.މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު އައިފާން ކުރެއްވި ޓުވީޓެއްގައި ވަނީ ދައުލަތުގެ މުދާ "ނާޗަރަންގީ ކުޅެން" މާރިޔާ ބޭނުން ކުރެއްވުމަކީ ކޮން ކަހަލަ ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.މި ވީޑިއޯ އަށް ތާއީދު ކުރި ބައެއް މީހުން ބުނެފައި ވަނީ މީހުންގެ ޒާތީ ކަންކަމާ ބެހެން ނުވާނެ ކަމަށެވެ. އަދި މާރިޔާ އަށް ވެސް "ރޮމޭންޓިކް" ވާން ފުރުސަތު ދޭން ވާނެ ކަމަށް އެމީހުން ބުނެފައިވެއެވެ.ދައުލަތުގެ މުދަލުން ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުގައި ގިނަ ބަޔަކު އެކަން ސިފަކުރާއިރު އަނެއް ބަޔަކު ވަނީ ދައުލަތުގެ މުދާ ޕިކްނިކް ހަދަން ބޭނުން ކުރަނީ ކަމަށް ބުނެފައެވެ. މިގޮތުން ހަފްތާ ބަންދުތަކުގައި އާއިލާ އާއި އެކު ރިސޯޓުތަކަށް ދާއިރުވެސް މާރިޔާ ކޯސްޓު ގާޑުގެ އުޅަނދުތައް ބޭނުންކުރައްވައެވެ. މުޅި ދަތުރު ނިމެންދެން ބައެއް ފަހަރު އުޅަނދުތައް ރިސޯޓުގެ ބަނދަރުގައި އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ