ވެރިން އާދޭސްކޮށްގެން ރައްޔިތުން އަޅުވެތިކޮށްފި: ޔާމީން

ވެރިކަމުގައި ތިބި ބަޔަކު ބުނެ އާދޭސްކޮށްގެން ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ރައީސް އާއި ހާރިޖީ ވަޒީރަށް އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
"މިއަދުގެ ރައީސް އާއި ހާރިޖީ ވަޒީރަށް ރައްޔިތުންގެ ކުރިމަތީގައި މިއަށް ޖަދަލުކުރައްވާ. އެ ބޭފުޅުން އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ކުރެވޭތޯ؟ ޖަދަލު ކުރައްވަ ބައްލަވާ ރައްޔިތުން ކައިރީ ތެދު ބަހުން ވާހަކަ ދައްކަވަ ބައްލަވާ. ނުކުރެވޭނެ އެއްކަމެއްވެސް. އެއްކަމެއްވެސް ނުކުރެވޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެ އާއި ދުނިޔޭގެ ތާރީހުގައިވެސް އަޅުވެތިވެފައިވަނީ ގައުމުތަކާއި ރައްޔިތެއް އަޅުވެތިވެފައިވަނީ އެ ބަޔަކާ ދޭތެރޭ ނަފުތަރެއް ހަސަދަވެރިކަމެއް ނުވަތަ އިގުތިސާދީ މަންފާއެއް ހޯދުމަށްޓަކައި އެއަށްވުރެ ބާރުގަދަ ބަޔަކު އައިސް ވެރިވެގަނެގެން ކަމަށް ވިދާޅުވި އެވެ
ރައީސް ޔާމީން ވިދާޅުވީ މިއަދު ހަނގުރާމައެއް ނުކުރާކަމަށާއި ނަމަވެސް އަޅުވެތިވެފައިވާ ކަމަށެވެ.
"މިހާރު އޮތް ސަރުކާރަށް (2023 ގައި) ވޯޓުލައިގެން ދިވެހި ރައްޔިތުން އެ ސަރުކާރު އަނެއްކާވެސް ދަމަހައްޓައިފި ކަމަށް ވަންޏާ ހަނިމާދޫން ހަނިމާދޫ ރައްޔިތުން ބާލާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެތަނަކީ އިންޑިއާ ތަނެއް ކަމަށާއި އެތަނުން ހަނިމާދޫ ރައްޔިތުންނަށް ޖާގައެއް ނުލިބޭނެ ކަމަށެވެ.
"އިންޑިއާ އައުޓް" ވާހަކަ ނުދެއްކެންވީ ކީއްވެތޯ ސުވާލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ އެންމެ ނަފުރަތުކުރަނީ އެމަނިކުފާނު ކަމަށެވެ. އިންޑިއާ މީހުންނަށް މިތަނުގައި ނުތިބެވޭނެ ކަމަށާއި އިންޑިއާ ޖެހޭނީ ބޭރުވާން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ބޭނުމަކީ ހަގީގީ ވަގުންނަކީ ކޮބައިކަން ހާމަކުރުން ކަމަށް ވިދާޅުވި އެވެ.
ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ލާރީގެ ބޮޑެތި މަންފާ ނެގީ އެމްޑީޕީގެ މަޖިލިސް މެންބަރުން ކަމަށެވެ.
ސަރުކާރު ބަދަލުވެއްޖެނަމަ ވަގުންނާއި ކޮރަޕްޝަން ހިންގި މީހުން ހާމަކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އަދުލުވެރިކަމާއެކު ހުކުމެއް ކޮށްފިނަމަ ގަބޫލުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ