ރިތިކާއި ޕްރަބާސް އެކުގައި ފިލްމެއް ކުޅޭ އަޑުތައް!

"ސާހޯ" އަށް ފަހު ޕްރަބާސް މިހާރު މަސައްކަތް ކުރަމުން ދަނީ ޕޫޖާ ހެގްޅޭ އާއެކު ކުޅޭ ފިލްމެއްގަ އެވެ. އަދި އަޝްވިން ނާގް ޑައިރެކްޓް ކުރާ ފިލްމެއް ކުޅެން ވެސް ޕްރަބާސް ވަނީ އެއްބަސްވެފަ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި "ބަހޫބަލީ" އެކްޓަރު ތިން ވަނަ ފިލްމެއް ކުޅެން ވެސް މިހާރު ވަނީ އޯކޭ ދީފަ އެވެ.
އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރާއޫތު އުފައްދަން ގަސްތު ކޮށްފައިވާ މި ފިލްމުގައި ޕްރަބާސްގެ އިތުރުން ރިތިކް ރޯޝަން ބައިވެރި ކުރަން ދަނީ މަޝްވަރާ ކުރަމުންނެވެ.
ޕްރަބާސް އަށް މި ފިލްމުގައި ކުޅެން ޖެހެނީ ސުޕަހީރޯއެއްގެ ރޯލެވެ. ނަމަވެސް ރިތިކް ލައްވާ ވެސް ކުޅުވަން އުޅެނީ ސުޕަހީރޯގެ ރޯލެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މިހާރު ރިތިކް ފިލްމުގައި ބައިވެރިކުރުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. އަދި ރިތިކް ފިލްމު ކުޅެދޭން އެއްބަސް ވެއްޖެނަމަ ވަރަށް އަވަހަށް ރަސްމީކޮށް މި ފިލްމު އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.
އޯމް ރާއުތު ވަނީ ކާރްތިކް އާރްޔަން އާއެކު ވެސް ފިލްމެއް އުފައްދާކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް ރިތިކް އާއި ޕްރަބާސް އާއެކު ފިލްމެއް އުފެއްދޭ ގޮތް ވެއްޖެނަމަ ކާރްތިކްގެ ފިލްމު ފަހުން އުފައްދަން ބާއްވާނީ ކަމަށް ބެލެވެ އެވެ.
މި ދެ ތަރިން އެކުގައި މި ފިލްމު ކުޅެދޭން އެއްބަސްވެއްޖެނަމަ މި ފިލްމު ވެގެން ދަނީ ބޮލީވުޑްގެ ތާރީޚުގައި ވެސް ބޮޑު ދެ ސުޕަސްޓާރަކު ލައިގެން އުފައްދާ ވަރަށް ވަރުގަދަ ފިލްމަކަށެވެ. ފިލްމަށް ބޮޑު ބަޖެޓެއް ބޭނުންވާތީ ފިލްމު ޕްރޮޑިއުސްކުރުމަށް ވެސް ބައެއް ފަރާތްތަކާ އެކު މިހާރު މަޝްވަރާތައް ކުރިޔަށްދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ