ޒަލަފް ސްކޫލަށް ދާން ކެތް މަދުވެފައި، މިނިސްޓަރުގެ އުފާވެރި ހަބަރެއް!

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ބައެއް ސްކޫލްތަކުގެ ދަރިވަރުން އަދިވެސް ތިބީ ގޭގައެވެ. މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގްރޭޑް އެކަކުން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ފެށި އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ކިޔެވުން ފަށާފައި ވަނީ ހަމައެކަނި ގްރޭޑް ނުވައަކުން އިން ފެށިގެން މަތީ ގްރޭޑްތަކަަކަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައި ދެނީ އޮންލައިންކޮށެވެ.
އެކަމަކު، ގޭގައި ތިބި އެތައް ކުދިންނެއް މިވަގުތު ތިބީ ސްކޫލަށް ދާން ކެތް މަދުވެފައެވެ. އެ ތަނުން އެއް ކުއްޖަކީ ޒަލަފްއެވެ.
ޒަލަފް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ފޮނުވި ވީޑިއޯ މެސެޖްގައި ބުނީ ސްކޫލަށް ވަރަށް ދާ ހިތްވާ ކަމަށެވެ. އަދި ސްކޫލަށް ގޮސް މަޖާ ކުރަން ބޭނުންވާ ކަމަށް ވެސް ޒަލަފް ބުންޏެވެ. އެ ވީޑިއޯ ޓުވިޓާގައި އާންމު ކުރެއްވީ ވެސް އެޑިއުކޭޝަން މިނިސްޓަރެވެ.
މި ވީޑިއޯ އާންމު ކުރައްވައި މިނިސްޓަރު ވިދާޅުވީ ޒަލަފާ އެކު އެތައް ކުދިންނެއް ސްކޫލަށް ދިއުމަށް ބޭނުންވެފައި ތިބި ކަމަށެވެ. އަދި ދާދި އަވަހަށް ސްކޫލްތައް ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ހުޅުވާލާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހުޅުވާލާފައިވީ ނަމަވެސް، ސްކޫލްތަކުގައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ސްކޫލްތަކުގައި މި ފިޔަވަޅުތައް އަޅާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ތައުލީމީ ވުޒާރާގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެގޮތުން ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކުގެ ތެރޭގައި ސްކޫލަށް ވަންނަ އިރު، މާސްކް އެޅުމާއި ހުން ހުރިތޯ ބެލުން ހިމެނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެނީ ހުން ނުވަތަ ރޯގާގެ އަލާމާތެއް ހުރި ނަމަ، ސްކޫލަށް ނައުމަށެވެ.
އެގޮތުން ސްކޫލްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ހަނދާންކޮށް ދިނުމަށް ސްކޫލްގެ އެކި ހިސާބުތަކުގައި ވަނީ އިރުޝާދުތައް ހިމެނޭ ލިޔުންތަކާއި ނިޝާންތައް ބަހައްޓައިފައެވެ. ސްކޫލްގެ އެސެމްބްލީގައި ކުދިންނަށް އިޖުތިމާއީ ގައިދުރުކަމާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ހަނދާން ކޮށްދީފައެވެ.
މިދިޔަ މާޗް 12 އިން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައި ދިނީ އޮންލައިންކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ