ޅ.އަތޮޅުގައި ކޮވިޑަށް ޓެސްޓް ކުރަން ހުރި މެޝިން އެހެން ތަނަކަށް ގެންގޮސްފި: ޝިޔާމް

ކޮވިޑް-19 އަށް ޓެސްޓްކުރަން ވެސް ބޭނުންކުރެވޭ ޖީން އެކްސްޕާޓް މެޝިނެއް ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލްގައި ހުއްޓާ އެހެން ތަނަަކަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކުދިންގެ ރައްކާތެރިކަމަށް ދައުލަތުން ކުރާ މަސައްކަތް އިތުރުކުރަން ގޮވާލައްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެެމްބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ޝިޔާމް ވިދާޅުވީ ނައިފަރުފައި ހުރި މެޝިން ސަރުކާރުން ގެންދިޔައީ ޅ.އަތޮޅު ރައްޔިތުން ރޮއިރޮއި ތިއްބާ ކަމަށެވެ. އެގޮތަށް ކަންތައް ކުރި އިރު ޅ. އަތޮޅަކީ މެދު އުތުރުގައި އެންމެ ގިނަ ރިސޯޓް ހުރި އެއް އަތޮޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ޖުލައި]ފަނަރައިގައި އެބަ ޖެހޭ ބޯޑަރު ހުޅުވައިލަން ކިޔާފައި އެހެން ރައްޔިތުންތަކެއްގެ ހައްގު ނިގުޅައިގަނެގެން އެހެން ދިމާލަަކަށް ގެންދިޔައިމާ ނޫނީ ފުރިހަމަވާ ކަމަކަށް ނުވޭ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ކުށްވެރިކުރަން، ނައިފަރުގައި އެ ހޮސްޕިޓަލް އެ ހުންނަނީ. ޅ. އަތޮޮޅު ރައްޔިތުން ރޮއިރޮއި ތިއްބާ އެ ގެންދިޔައީ އެ މެޝިން،" ޝިޔާމް ވިދާޅުވި އެވެ.
ކޮބައިތޯ ކޮވިޑްގެ ތެރޭގައި ހޭދަކުރި އެއްބިލިޔަނަށް ވުރެ ގިނަ ރުފިޔާ؟ ކުޑަކުޑަ މެޝިނެއްގެ ވާހަކަ މި ދައްކަނީ. މިގައުމުގެ ބޯޑަރު ހުޅުވައިލަން، މިދަންނަވާ ފަސް ހަސްފަތާލު ފުރިހަމަ ނުވެގެން ހަސްފަތާލެއްގައި ހުރި އެއްޗެއް އެހެން ހަސްފަތާލަކަށް ގެންދަން ޖެހޭ ހިސާބަށްތޯ އަޅުގަނޑުމެން ހަތަރު މަސްދުވަހު މި މަސައްކަތް ކުރީ؟: ޝިޔާމް
ކޮވިޑަށް ޓެސްޓްކޮށް ފަރުވާ ދެވޭނެ އިންތިޒާމް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަމަޖައްސާ ވާހަކަ ސަރުކާރުން ދައްކާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަަމަށް ވިދާޅުވެ އޭނާ ސުވާލު އުފެެއްދެވީ އެ ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުން ފައިސާ ހަރަދުކުރި ގޮތާ މެދުގަ އެވެ.
"ކޮބައިތޯ ކޮވިޑްގެ ތެރޭގައި ހޭދަކުރި އެއްބިލިއަނަށް ވުރެ ގިނަ ރުފިޔާ؟ ކުޑަކުޑަ މެޝިނެއްގެ ވާހަކަ މި ދައްްކަނީ. މިގައުމުގެ ބޯޑަރު ހުޅުވައިލަން، މިދަންނަވާ ފަސް ހަސްފަތާލު ފުރިހަމަ ނުވެގެން ހަސްފަތާލެއްގައި ހުރި އެއްޗެއް އެހެން ހަސްފަތާލަކަށް ގެންދަން ޖެހޭ ހިސާބަށްތޯ އަޅުގަނޑުމެން ހަތަރު މަސްދުވަހު މި މަސައްކަތް ކުރީ؟" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ ހާލަތަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތައްޔާރުކުރާ ވާހަކަ ސަރުކާރުން ވަރަށް ގިނައިން ދައްކާ ކަަމާއި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ގޮވައިލައްވާ މަޖިލީހަށް އޭނާ ކުރިން ގަރާރެއް ވެސް ހުށަހަޅުއްވާފައިވާނެ ކަަމަށެވެ.
ޓީބީ ފަަދަ ބަލިތައް ޓެސްޓްކުރާ ޖީން އެކްސްޕާޓް މެޝިނުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތްވީ އެ ކަމަށް ބޭނުންވާ ކިޓްތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އުފެއްދުމުންނެވެ. އެގޮތުން އުފެއްދި ޓެސްޓް ކިޓްތައް ރާއްޖެ އަށް ވެސް ވަނީ ހަދިޔާކޮށްފަ އެވެ. އެއާ އެކު ރާއްޖޭގެ ފަސް ސަރަހައްދަކުން ކޮވިޑަށް ޓެސްޓް ކުރެވޭނެކަން ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ