އަންނަމަހުން ފެށިގެން ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށް

އަންނަމަހުން ފެށިގެން ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެހެންކަމުން އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ ބަލައިގަންނަމުން ގެންދާނީ ކަސްޓަމްސް ޕޯޓަލް، ކަސްޓަމްސް ޕޭ ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށްކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ދައްކާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލްއިން ފެންނަން ހުންނާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ އެމް.އާރު.ޓީ.ޖީ.އެސް ހެދުމަށް އެދޭ ފޯމް އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މިގޮތަށް ހަމަޖެހުމުން ކޮވިޑް-19 އާއި ގުޅިގެން ފައިސާ ދެއްކުމަށް ބޭނުންކުރަމުންގެންދިޔަ ބޭންކް ޓްރާންސްފަރގެ ޚިދުމަތް އަންނަމަހުގެ 1 ވަަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
އަންނަމަހުން ފެށިގެން ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމާފައިވާއިރު، ދައުލަތުގެ ގިނަ މުއައްސަސާތަކަކުން ދަނީ އޮންލައިންކޮށް ޚިދުމަތް ދިނުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ