އުލިގަމުގެ އައު އިންޖީނުގެއާއެކު ރައްޔިތުން ދުމުން ސަލާމަތްކުރެވޭނެ: އިމާދު

ހއ.އުލިގަމްގައި އަޅާ އައު އިންޖީނުގެ އާއެކު ރައްޔިތުންނަށް ކުރަމުންދިޔަ ދުމުގެ އަސަރުން އެއްކޮށް ސަލާމަތް ވާނެ ކަމަށް އެރަށު ކައުންސިލްގެ ނަައިބު ރައީސް އިމާދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ 65 އިންސައްތައިގެ މަސައްކަތް ނިމިފައިވާކަމަށް ފެނެކަ ކޯޕަރޭޝަނުން ހާމަކުރުމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު އިމާދު ވިދާޅުވީ، މިހާރު ބޭނުންކުރާ އިންޖީނުގެއަކީ ރަށުގެ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއްގައި ހުންނަ ތަނަކަށްވުމުން އާންމު ރައްޔިތުންނަށް އިންޖީނުގޭގެ ސަބަބުން ބޮޑެތި ގެންލުންތަކެއް ވަމުންދާ ކަމަށެވެ.
އެގޮތުން އިންޖީނުގޭގެ އަޑާއި، ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް އިމާދު ވިދާޅުވިއެވެ.
"މިހާރު ބޭނުންކުރަމުންދާ އިންޖީނުގެއަކީ ފެންބޮޑުވެއްޖެނަމަ ވަރަށް ގިނަ އަދަދެއްގެ ފެން ޖަމާވާތަނެއް. އެތަން އޮންނަނީ ވަރަށް ބޮޑަަށް އަޑިކޮށް އޮންނަ ތަނެއްގެ ގޮތުގަ. އެއީވެސް ވަރަށް ބޮޑު ގޮންޖެހުމެއް." ކައުންސިލްގެ ނަައިބު ރައީސް އިމާދު އަބްދުﷲ
އިންޖީނުގޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމުގެގޮތުން މިހާރު ހަދަމުންދާ އައު އިންޖީނުގެ އަޅަނީ ކަނޑައެޅިފައިވާ ޚާއްސަ ޒޯނެއްގައި ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދާއި ވަރަށް ދުރު ހިސާބެއްގައި ކަމަށް އިމާދު ވިދާޅުވިއެވެ.
އައު އިންޖީނުގެ އަޅަނީ އީޕީއޭގެ ހުއްދައާއި އެކުގައިކަން ފާހަގަކޮށް އިމާދު ވިދާޅުވީ، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައިވެސް މިހާރު އިންޖީނުގެ ހުރި ތަނުން އެއްވެސް އާންމު މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އައު އިންޖީނުގެ ނިމިގެންދާއިރު އިމާރާތުގެ ތެރޭގައި އޮފީސް އިމާރާތްވެސް ނިމޭނެ ކަމަށާއި މޫސުން ގޯސް ނުވާނަމަ ކޮންޓްރެކްޓުގައި ވާގޮތަށް އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިއްމާލެވޭނެ ކަމަށްވެސް ކައުންސިލްގެ ނައިބު ވިދާޅުވިއެވެ.
އުލިގަމުގެ އައު އިންޖީނުގެގޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 13 ނޮވެމްބަރ 2019 ގައެވެ. މިމަޝްރޫއޫގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުންވެސް ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ