ޑޯނިއާ ފްލައިޓު ދިނީ ޗައިނާގެ ކަނޑުގެ އުޅަނދުތައް ބަލަން: އިންޑިއާ މީޑިއާ

އިންޑިއާގެ ނޭވީ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ ފްލައިޓުން މި ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ އުޅަނދުތައް ވެސް ބަލާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ފްލައިޓް މިއަދު ރާއްޖެ އައިސްފައިވާއިރު، މި ފްލައިޓާއި ގުޅޭ މައުލޫމާތު އިނގޭ ފަރާތްތަކާއި ހަވާލާވީ އިންޑިއާގެ "ހިންދުސްތާން ޓައިމްސް" ގައި ބުނެފައިވަނީ މި ފްލައިޓު މެދުވެރިކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅޭ ޗައިނާގެ އުޅަނދުތަކުގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓާ ކުރާނެ ކަމަށެވެ.
"މި ފްލައިޓު އެހީތެރިވެދޭނެ މި ސަރަހައްދުގައި އުޅޭ ޗައިނާގެ ކަނޑުގެ އުޅަނދުތައް މޮނީޓާ ކުރުމަށް ވެސް" އޮފިޝަލް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައި ވެސް މި ބޯޓު ބޭނުންކުރާނެ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މި ބޯޓު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފުން ކަމަށާއި އެގޮތުން އެމްއެންޑީއެފްގެ ޕައިލެޓުންނާއި، އެއާ އޮބްޒާވަރުންނާއި، އިންޖނިއަރުން ތަމްރީނުކޮށްފައިވަނީ އިންޑިއާގެ ނޭވީން ކަމަށްވެސް އެ ނޫހުގައި ހާމަކޮށްފައިވެއެވެ.
މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ބޯޓެކެވެ.
މި ފްލައިޓް މިއަދު ރާއްޖެ ގެނެސްފައިވާއިރު 2009 ވަނަ އަހަރުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ޖުމްލަ 54 އޭރިއަލް ސާރވައިލަންސް އޮޕަރޭޝަން ހިންގާފައިވެއެވެ.
އެމްއެންޑީއެފުން ވަނީ މިއަދު ރާއްޖެއަށް ގެނެވުނު ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ