އޭދަފުށީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.ޖޭއެސްސީން މިއަދު ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު ދެ މައްސަލައެއް އެ ކޯޓްގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް އެ ދެ މައްސަލަ ބެލުމާއި އޭދަފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އުންމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ނިންމުމާ ގުޅިގެން، މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.ޖޭއެސްސީއަށް މިދިޔަ އަހަރު އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މައްސަލަތައް ދަނީ ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހަށްވެސް ހުށައަޅާފައިވެއެވެ. އެފަދަ ހުށައެޅުންތައް މަޖިލީހުން ފާސްކޮށް ބައެއް ފަނޑިޔާރުން ވަނީ މަގާމުން ދުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ