ޖަޕާނުގެ 47 މިިލިއަން ޑޮލަރުގެ ލުއި ލޯނު ދިވެހި ސަރުކާރާ ހަވާލުކޮށްފި

ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖެއަށް އެހީތެރިވުމަށް ޖަޕާނު ސަރުކާރުން ދޭން ނިންމާފައިވާ 47 މިލިއަން ޑޮލަރުގެ ލުއި ލޯނު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ 5 ބިލިއަން ޔެން ނުވަަތަ 47.5 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ ދިވެހި ރުފިޔާއިން 732.4 މިލިއަން ދިވެހި ރުފިޔާއެވެ. މި ލޯނަކީ ކޮންސެޝަނަލް ލޯނެއް ނުވަތަ ލުއި ލޯނެކެވެ. މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 0.01 އިންސައްތަކަމަށާއި ލޯނު ދެއްކުމަށް 15 އަހަރު ލިބޭ ކަމަށް ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީ ހަފުލާ މިއަދު އޮތީ ފިނޭންސް މިނިސްޓްރީގައެވެ. ދިވެހިރާއްޖޭގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. ޖަޕާނުން ދިން މި ލޯނު އެހީއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައިވަނީ ހޯމަދުވަހު އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި މި ލޯނުގެ ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ޚިދުމަތް ދެވޭނެ ގޮތް ފަހިކުރުމެވެ. ޚާރިޖީވުޒާރާއިން ހާމަކުރި ގޮތުގައި ޖަޕާނު ސަރުކާރުން ދިން މި ލޯނުގެ ބޭނުންކުރާނީ ކޮވިޑް-19އާ ގުޅިގެން މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓިޔަނުދީ ކުރިއަށް ގެންދިއުމަށެވެ. މި ލޯނު ެއެހީގެ އިތުރަށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 5.6 މިލިއަން ޑޮލަރާއި، ޔޫއެންޑީޕީ މޯލްޑިވްސްއަށް 1.4 މިލިއަން ޑޮލަރުގެ އިތުރުން ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރާއި ރެޑް ކްރެސެންޓަށް 185،000 ޑޮލަރުގެ އެހީ ޖަޕާނުންވަނީ ދީފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ