ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫގައި ސައިކަލު ބުރެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫ ސިޓީގައި ސައިކަލު ބުރެއް ފަށައިފިއެވެ.
މި ސައިކަލު ބުރު ކުރިއަށް ގެންދަނީ ހުޅުމީދޫގައެވެ. މި ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
މި ސައިކަލު ބުރުގެ ބައިވެރިން ތިބީ ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި ސަރުކާރަށް ފާޑުކިޔުމުގެ ތަފާތު އެކި ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތައް ހިފައިގެންނެވެ.
މިފަދަ ސައިކަލު ބުރެއް އައްޑޫގައި ބާއްވަމުންދާއިރު މިދިޔަ ހުކުރު ދުވަހު މާލޭގައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުން ކުރާ ޖޫރިމަނާއާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުގެ ޒުވާނުންގެ ސައިކަލު ބުރެއް މާލޭގައި ބާއްވާފައެވެ.
މިއީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "ރާއްޖެ ވިއްކާލުމާ ދެކޮޅު" ހަރަކާތުގެ ތެރެއިން ބޭއްވި ސައިކަލު ބުރެކެވެ. އަދި މިދިޔަ ހުކުރު ދުވަހުގެރޭ މާލެ ފިޔަވައި އެހެން ރަށްތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވެސް ވަނީ ބާއްވާފައެވެ.
އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ވަނީ މިދިޔަ ހަފްތާގައި ފުލުހަށް ހާޒިރުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތައް ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ