އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކުންފުނީގެ 2019 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.
މިޖަލްސާގައި ވަނީ 2019 ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ.
މިޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ޖަލްސާއަށް 25 ހިއްސާދާރުން ހާޒިރުވިއިރު، ޕްރޮކްސީ މެދުވެރިކޮށް 42 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.
އެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 95 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ.
މި ޖަލްސާގައި ވަނީ އެމްޓީސީސީގެ 2019 ވަނަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބުތައް ވެސް ފާސްކޮށްފަ އެވެ. ޓެކްސް ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 2019 ވަނަ އަހަރު ލިބުނީ 53.3 މިލިއަން ރުފިޔާ އެވެ. މިއީ 2018 ވަނަ އަހަރަށްވުރެ 55.57 ޕަސެންޓްގެ އިތުރުވުމެކެވެ. ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 2018 ވަނަ އަހަރު ލިބުނީ 34 މިލިއަން ރުފިޔާ އެވެ.
އެ ޖަލްސާގައި ވަނީ އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް، ގއ. ވިލިނގިލި، ހެޕީނައިޓް، ނަސްރަތު މުހައްމަދު އައްޔަން ކުރަށްވާފައެވެ. އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓާޝިޕް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ނަސްރަތު މިހާރު ވެސް ގެންދަވަނީ އެލައިޑް ކުންފުނީގެ ކަސްޓަމާ ސާވިސްގެ މެނޭޖަރުކަން އަދާކުރައްވަމުންނެވެ.
މީގެ އިތުރުން އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ.
އެ ޖަލްސާގައި ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވެސް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ